މަރުގެ އިންޒާރުދޭ މީހުންނާއި މެދު ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަދުވަހުގެ ރޭ ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ ފަރާތްތަކާއި މެދު ގާނޫނުގައިވާ ފިޔަވަޅު އެޅުން ބޭނުންތެރި ކަމަށާއި ނަމަވެސް އެފަދަ މީހުންނާއި ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށެވެ.
އެފަދަ މީހުން ހައްޔަރު ކުރުމުގެ ސަބަބުން ނަފްރަތު އިތުރުވެގެން ނުވާނެ ކަމަށާއި އަމާޒަކަށް ވާންޖެހޭނީ ނަސޭހަތްދީ އެމީހުން އިސްލާހުކުރުންކަމަށް ނަޝީދުގެ ޓްވީޓްގައި ވެއެވެ.
މަރުގެ އިންޒާރުދޭ މީހުންނާއި މެދު ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފައްދައި އަނިޔާވެރިކަމަށް ހިތްވަރަދެމުންދާކަމުގެ ތުހުމަތުގައި މިމަހުގެ 26 ވަނަ ދުވަހު ފުވައްމުލަކުން ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހު މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރިކަމުގެ އަމަލު ހިންގުމަށް ގޮވާލި ކަމުގެ ތުހުމަތުގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި، ލިޔެ ކިޔުންތައް ޝޯޝަލް މީޑިއާގައި އާއްމުކުރުމާއި ގުޅިގެން އުމުރުން 27 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.