ޗައިނާ އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުންނާ، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ދެ ބޭފުޅުންނާއި އެކު ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މިިނިސްޓަރ ޝާހިދު ވަނީ އެ ދެ ގައުމުގެ އެހީގެ ދަށުން ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ޗައިނާ އަދި އިންޑިއާއަކީ މި ސަރުކާރުން، ތަރައްގީއާ ގުޅޭ ކަންކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަޒަރްބައިޖާންގައި އޮތް ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި ބައިވެރިވެވެވަޑައިގަތުމަށް ފަހު، މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ނާމް ސަމިޓުގެ ކުރިންވެސް ޝާހިދު ވަނީ ރަސްމީ ދަތުރުފުޅުތަކުގައި ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ޖަޕާނަށް ވަޑައިގެންފައެވެ. އަދި އޭގެ ކުރިން ތައިލެންޑުގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ޝާހިދު ވަނީ އެ ގައުމަށް ވެސް ވަޑައިގެންފައެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން، ދިވެހިރާއްޖެއިން އެހެން ގައުމުތަކާއި އެކު ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރަން މިނިސްޓަރ ޝާހިދު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ކުރިންވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އައިސްފައިވާ ގައުމުތަކާއި ކުރިން އެހާ ގުޅުން ބަދަހި ނޫން ގައުމުތައް ހިމެނެއެވެ.