ރާއްޖޭގައި ފެތުރެމުންދާ އިންފްލުއެންޒާ އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭ ސަރަހައްދުގައި ކަމަށް ވާތީ މާލޭ ސިޓީގެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ ފަރުވާ ދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީގެ ހެލްތް ވެލްފެއާރ ކޮމެޓީން އަންގާރަ ދުވަހުގެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމެޓީގެ މުގައްރިރު ޑރ. ޑީޑީ ވިދާޅުވީ އެޗްވަންއެންވަން އިންފްލުއެންޒާ ރާއްޖޭގައި ފެތުރެމުންދާކަން ސަރުކާރުން އޮތީ ސިއްރު ކޮށްފަ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ޑީޑީ ވިދާޅުވީ އިންފްލުއެންޒާ އެންމެ ބޮޑަށް ފެތުރެމުންދަނީ މާލެ ސީޓީގައި ކަމަށާއި ނަމަވެސް އެ ރޯގާއަށް ފަރުވާދެވެނީ ހަމަ އެކަނި އައިޖީއެމްއެޗުން ކަމަށެވެ.
ޑީޑީ ވިދާޅުވީ ފްލޫ ކްލިނިކް އައިޖީއެމްއެޗްގައި ހުޅުވިތާވެސް މިވީ ދެތިން ދުވަސް ކަމަށާއި ހަމައެކަނި އައިޖީއެމްއެޗުން ފަރުވާ ލިބޭގޮތަށް ހެދުމަކީ ބަލި އިތުރަށް ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ފަރުވާ ލިބިގަނެވޭނެ ގޮތެއް ނޫން ކަމަށްވެސް ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ ރަށްރުގައިވެސް އިންފްލުއެންޒާއަށް ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށާއި ރަށްރަށުގައިވެސް ފަރުވަދެވޭނެ ފަސޭހަ ގޮތްތައް ރާވަންޖެހޭ ކަމަށެވެ.
ޑީޑީ ވިދާޅުވީ އިންފްލުއެންޒާ ވެކްސިން ރައްޔިތުންނަށް ބޭނުންވާ ވަރަށް ނެތް ކަމަށް ހެލްތް މިނިސްޓްރީ ބުނުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖޭގެ ސިއްހީ ފަރުވާދޭ ނިޒާމު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހޯމަ ދުވަހު ބުނީ އިންފްލުއެންޒާ ޖެހިގެން އެކަކު މަރުވެފައިވާއިރު، 51 މީހުންނަށް އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ހެލްތުން ވަނީ އެޗްވަންއެންވަން ވައިރަސްއަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވެ، އެލާރޓް ލެވެލް ތިނަކަށް ވަނީ ޖައްސާފަ އެވެ.