ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެގައއުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އަނބިކަނބަލުން ފަޒުނާ އަހުމަދު އާދިއްތަ ދުވަހުގެރޭ ރާއްޖެ ވަޑައިގެންފިއެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ފާހަގަކޮށްލެވެއެވެ.
ދެ ގައުމުގެ ރަސްމީ ވާހަކަފުޅުތައް ކުރިއަށް ދިޔަ އެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާއި ބެހޭގޮތުންނާއި ދެގައުމުގެ މިގުޅުން ކުރިމަގުގައި އެކިދާއިރާތަކުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ރާއްޖެއާ ޖަޕާނުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމަކީ ފާހަގަކޮށްލެވޭ ބަދަހި ގުޅުމެކެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް އެކިރޮނގުތަކުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެއް ގައުމަކީ ޖަޕާނެވެ.
އެގޮތުން އުމްރާނީ ތަރައްޤީގެ މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދީލަތި އެހީތަކެއް ވެދީފައިވާއިރު އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ތަޢުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނުގެ އެހީގައި ހިންގާފައިވާ އެކި މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޖަޕާނުން ވެދީފައިވާ އެހީތެރިކަމަކީ، ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓަށް އެރުމަށް ރާއްޖެއަށް މަގުފަހިވެގެންދިޔަ މުހިންމު އެހީތަކެއްކަމުގައި ވާއިރު ޖަޕާނުން ރާއްޖެއަށް ވެދީފައިވާ މިއެހީތެރިކަމަކީ ދިވެހިން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާ ކަމެކެވެ.
އަދި ދިވެހި މުޅި މުޖުތަމަޢު ޝާމިލުވާ ގޮތަށް ޖަޕާނުން ވެދީފައިވާ މި އެހީތަކުގެ ސަބަބުން ރަށު ފެންވަރުގައާއި ފަރުދީ ފެންވަރުގައި ވެސް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް ޚާއްޞަ ގުޅުމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ސޯލިހު ޖަޕާނަށް ކުރެއްވި ތާރީހީ ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ، ދިވެހި އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ.