ސީރިޔާގެ ދާހިލީ ހަނގުރާމައިގައި 2016 ވަނަ އަހަރު، އެހެން އެއްވެސް އަހަރަކު މަރުނުވާހާ މިންވަރަށް ކުޑަކުދިން މަރުވެފައިވާ ކަަމަށް އދ ގެ ކުޑަކުދިންނާއި ބެހޭ އ.ދ.ގެ ޖަމިއްޔާ، ޔުނިސެފުން ބުނެފިއެވެ.
2015 ވަނަ އަހަރާއި އަޅާބަލާއިރު، 2016 ގައި މަރުވި ކުޑަކުދިންގެ އަދަދު ވަނީ 20 އިން ސައްތަ އިތުރުވެފައެވެ. 2016 ވަނަ އަަހަރު 652 ކުދިން ވަނީ މަރުވެފައެވެ.
ޔުނިސެފުން އާންމުކޮށްފައިވާ ތަފާސްހިސާބަކީ ރަސްމީގޮތުން އިތުބާރު ކުރެވޭ މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލާފައިވާ ތަފާސްހިސާބެވެ.
ޔުނިސެފުން ގަބޫލުކުރާގޮތުން، 2016 ގައި ސީރިޔާ ހިނގާ ދާހިލީ ހަނގުރާމައިގައި 850 ކުޑަކުދިން ބައިވެރިކޮށްފައިވެއެވެ.
ޔުނިސެފުން ސީރިޔާގެ ކުޑަކުދިންގެ ހާލަތު ބަޔާންކޮށް ތަފާސްހިސާބުތަށް ހާމަކޮށްފައި ވަނީ 2011 ގައި ރައީސް ބައްޝާރުލް އަސަދާއި ދެކޮޅަށް ފެށި މުޒާހަރާތަކަށް 6 އަހަރުވާ، ދުވަހާއި ދިމާކޮށެވެ.
ހޯމަ ދުވަހު ސިރިޔާގެ ހާލަަތު މޮނިޓާ ކުރާ، އިނގިރޭސިވިލާތުގެ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިޔާގެ ހަމަނުޖެހުންތައް ފެށުނު ފަހުން މަރުވެފައިވާ މީހުންގެ އަދަދު 320،000 އަށް އަރާފައިވާ ކަމަށެވެ.