އެމްޑީޕީ ނެތިދިއުން ނުވަތަ ދެރަވަރުވެ ދިއުމަކީ މި ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނައިބް ރައީސަކަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އަސްލަމްގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތާމެދު މަޝްވަރާކުރުމަށް އެމްޑީޕީ ހަރުގޭގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މިހާރު ވެރުކަން ކުރަމުންދަނީ ކޯލިޝަން ސަރުކާރަކުންނޭ ބުނަމުން ދިޔަނަމަވެސް ޙަޤީގަތަކީ މިހާރު އޮތީ އެމްޑީޕީގެ ބޭފުޅުން ގެނެސްފައިވާ ސަރުކާރެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން އެމްޑީޕީއާ ދޭތެރޭ ބަލަންޖެހޭ ކަމަށާއި އެމްޑީޕީގެ އާންމު މެންބަރުންގެ އިހުސާސްތައް ދެނެގަންނަންޖެހޭނެ ކަމަށެވެ.
ބައެއް ރަށްރަށުގައި އެބަ ފެނޭ ސޮއިކޮށްލަންވީމަ އެންމެ ކުޑަ މިނުން މެންބަރުންނަށް ވެސް ސޮއިކުރުމުގެ ރަސްމިއްޔާތެއް އެބަ އޮތޭ އަންގާލެވޭ. އެތަނަށް ދިޔާމަ އިނގެނީ ކޮން ބަޔަކާ ކިހިނެއް ދިން ބިޑަކާއެކީ ކަމެއްވެސް،އެހެން ވެގެން ނުވާނެ އެއްގޮތަކަށް ވެސް، ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުމާ އެމީހުންގެ މަޝްވަރާއާއެކު އެކުލަވާލެވޭ މަޝްރޫއުތަކަކަށް ވާންޖެހޭނެއަސްލަމް ވިދާޅުވިއެވެ
އަސްލަމް ވިދާޅުވީ އެފަދަ ކަންތައްތަކުގައި އެމްޑީޕީގެ ބަސްކިޔުން އޮންނަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެކަމުގައި ވަކާލާތުކުރަން ދެމިހުންނަވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން އަސްލަމް ވިދާޅުވީ، އިދާރީގޮތުން ވެސް ޕާޓީ ވަރުގަދަކުރަންޖެހޭ ކަމަށާއި ޕާޓީގެ ގޮފިތަކުގެ މަސައްކަތްތައް އެ ގޮފިތަކުގެ ރައީސުން ކުރައްވަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ލިޑަރޝިޕްގައި އަސްލަމް ހިމެނިއްޖެނަމަ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް އެއް ބާއްވަން ވަކާލާތުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަރަށް ގިނަ ކަންކަން ނިންމަމުން ދަނީ ގައުމީ މަޖިލީހުން. މީގެ ގިނަ ކަންކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ސީދާ ކޮންގްރެސް އެއް ބާއްވާ ކޮންގްރެސް އިން ނިންމަން ޖެހޭނެ ކަންކަން. އެހެން ކަމުން އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް އެއް ބޭއްވުމަކީ ޕާޓީއަށް ލިބެނޭ އިތުރު ހަރުދަނާ ކަމެއްގެ ގޮތުގައި ދެކެންއަސްލަމް ވިދާޅުވިއެވެ
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އަސްލަމް އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރެއް ގަނައުމަށްޓަކައި ޕާޓީގެ މެންބަރުން އެތަކެއް މުޒާހަރާތަކެއް ކުރި ކަމަށާއި އެތަކެއް ބަޔަކަށް ޖަލުގައި އަނިޔާ ލިބުނު ކަމަށެވެ. އަދި އެތައް ބައެއްގެ ވިޔަފާރިތައް ފުނޑުފުނޑުވެ އެތައް ބައެއްގެ ވަޒީފާވެސް ގެއްލުން ކަމަށެވެ. އަސްލަމް ވިދާޅުވީ އެ ފަރާތްތަކަށް ޙައްޤު ހޯދައިދިނުމުގައި އޭނާ އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށެވެ.
އަސްލަމްގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވީ، ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ހަޤީޤީ ބާނީ ކަމަށާއި އެމަނިކުފާނު ނެތިއްޖެ ނަމަ މުޅި ޕާޓީ ދެރަވެ ނިކަމެތިވެދާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އަސްލަމްގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އޮންނާނެ ކަމުގެ ޔަޤީންކަން އަސްލަމް ވަނީ ދެއްވާފައެވެ.