ގާނޫނާއި ހިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުންނާއި، އާންމު ފަރާތްތަކުން ދީން ދިފާއުކުރުމުގެ ނަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައާއި އަތޮޅުތެރޭގައިވެސް މުޒާހަރާތައް ބާއްވަމުންގެންދާ ދަނޑިވަޅެއްގައި ޕޮލިސް ސާރވިސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިފަަހަކަށް އައިސް "ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ" ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުމާއި އެފަދަ ބައެއް އެއްވުންތަކުގައި ގާނޫނާއި ހިލާފު ކަންކަން ކުރަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ނުދޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނި ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ އިތުރުން އުޅަނދުފަހަރުގައި އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުން ފަދަ ކަންކަން އިންތިޒާމްކޮށް، ބާއްވަމުން ގެންދާކަމާއި އެފަދަ ބައެއް އެއްވުންތަކުގައި ގާނޫނުން މާނާކޮށްފައިވާ ކަންކަމުގެ އިތުރުން ގާނޫނުގައި ބަޔާންކުރާފަދަ އެއްވުމެއްގެ ގޮތުގައި ނުބެލެވޭ ރާވާއިގެން ބާއްވާ އެއްވުންތަކާއި ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތް ކުރާކަން ފުލުހުންނަށް ފާހަގަވެފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނި ގާނޫނާއި އެއްގޮތަށް ސުލްހަވެރިކޮށް ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭ ރައްކައުތެރިކަން ފޯރުކޮށްދިނުމާއި މުޒާހަރާ އޮންނަ ސަރަހައްދުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ވަރަށް އިސްކަންދީގެން ކުރަމުން ގެންދާކަމެއްކަމަށެވެ. އެގޮތުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ލިބެދޭ މިނިވަންކަން ބޭނުންކުރުމުގައި ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެއްވުން އިންތިޒާމްކުރާ ފަރާތްތަކަށާއި ބައިވެރިންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތަކުގައި އެއްވެސް ފުރުސަތެއް ނުދޭނެކަމަށާއި ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމުގައެވެ.