ރާއްޖެއިން އަބަދުވެސް ތާއިދު ކުރަނީ ފަލަޞްޠީނާއި އިސްރާއީލު ދެ ދައުލަތެއްގެ (ޓޫ ސްޓޭޓް ސޮލިއުޝަން)އެއްގެ ގޮތުގައި އޮންނަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް( ނާމް) ސަމިޓްގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައި ވިދާޅުވީ ފަލަޞްޠީނުގެ މުސްލިމުން އަދިވެސް މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްރާއީލް އިން ޤަވާއިދާ ޚިލާފަށް ޕަލަސްތީނުގެ ބިންތައް ހިޞާރު ކުރަމުންދާދިއުން ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.
އެމަނިކުފާނުގެ ތަގްރީރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް މިހާރަށްވުރެ ބޮޑަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި 2050 އާހަމަޔަށް 200 މިލިއަނެއްހާ މީހުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެފިއުޖީންއަށް ވާނެ ކަމަށް ވާރލްޑް ބޭންކުން ލަފާކޮށްފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ ތިމާވެށި ރައްކާތެރިކުރުމަށް ހުރިހާ ޤައުމުތަކުން ވަކާލުތުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.
ޓެރަރިޒަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ޓެރަރިޒަމަކީ ހަމައެކަނި ވަކި ޤައުމަކުން މަސައްކަތްކޮށްގެން ނައްތާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޓެރަރިޒަމް ނައްތާލުމަށް ހުރިހާ ޤައުމަކުން ގުޅިގެން މަސައްކަތް ކުރުމުން ކާމިޔާބުވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޮކްޓޯބަރު 25 އިން 26 އަށް އޮންނަ 18 ވަނަ ނާމް ސަމިޓު 120 ގައުމަކުން ބައިވެރިވިއެވެ.
ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަކީ ދުނިޔޭގެ ބާރުތައް ޙިއްސާކުރުމާ ގުޅޭގޮތުން ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް އިއްތިހާދާ ދެމެދު ހިނގައިދިޔަ އަރާރުންތަކުގެ ތެރޭގައި ފިތިބާރުވާންޖެހި އެކަމުގެ ހިތްހަމަނުޖެހުމުގައި، އެއްވެސް ފަރާތަކަށް ނުޖެހި ތިބުމަށް 1961 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. މި އިއްތިހާދު އުފެއްދުމަށް އެންމެ މައިގަނޑު ދައުރެއް އަދާކުރެއްވީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫއެވެ.