ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގުމުއްތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ބޭންކުގައި ދިގު މުއްދަތަކަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރި ފަރާތްތަކުގެ އަގު ވަޒަން ކޮށް އެ ފަރާތްތަކަށް ވަނީ އެވޯޑްވެސް ދީފައެވެ. އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔަރ އެވެ.
އެ ހަފްލާގައި ބޭންކަށް 35 އަހަރު ހިދުމަތްކޮށްފައިވާ ފާތިމަތު ރަޝީދާ، ހެޑް އޮފް ރިކަވަރީސް އަށް ހާއްސަ އެވޯޑެއް ދީފައިވާއިރު ޖުމްލަ 30 މުވައްޒަފެއްގެ އަގު ވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ.
އޭގެ އިތުރުން ބޭންކަށް 30 އަހަރު ހިދުމަތްކޮށްދީފައިވާ އަމްސޫދާ ނައީމް (ސީނިއަރ އޮފިސަރ، އިންޓަނޭޝަނަލް ބޭންކިންގް)، އައިމިނަތު ނަސީމް (ކަސްޓަމަރ ސަރވިސް ޑެޕިއުޓީ މެނޭޖަރ)، އައިޝަތު ސަދްނާ (މެނޭޖަރ، ޗެކް ޕްރޮސެސިންގ) އަދި އަބްދުﷲ ޝަމީމް (ވޭމަންޑޫ ބްރާންޗް) އަށް ވެސް އެ ހަފްލާގައިއ އެވޯޑް ދީފައިވެއެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މީއެމްއެލް އަށް ވޭތުވެދިޔަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި ބީއެމްއެލްގައި ހިދުމަތްކުރާ ހީވާގި މުވައްޒަފުން ދިގު މުއްތަކަށް ދެމެހެއްޓި، މުވައްޒަފުންގެ އަގު ވަޒަންކުރެވޭކަމީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ފާހަގަކޮށް ޓިމް ސޯޔަރ ވިދާޅުވީ، އެ ހުރިހާ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތު މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން ކަމަށެވެ. އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަކީ ވެސް ނަމޫނާ މުވައްޒަފުންގެ ގޮތުގައި ބަލައިގަންނަ ކަމަށް ވިދާޅުވެ ޓިމް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ބީއެމްއެލް އަކީ ގައުމީ ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ބޭންކް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.