Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 20:46
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
މަޖިލިސް
އެމްއެމްޕީއާރްސީ
މަޖިލީހުގެ 16 މެމްބަރަކަށް ހިޔާނަތުގެ ފައިސާ ލިބުނު، ޕާޓީގެ ޕްރައިމަރީ ތަކަށްވެސް ހަރަދުކުރި
މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވޭ
18 ވަނަ މަޖިލީހުގެ 44 މެމްބަރަކަށް ފައިސާ ލިބުނު

ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ހިޔާނަތްވެރިވި ފައިސާ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއަށް ހަރަދުކޮށްފައިވާ ކަމަށާއި، އެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރުމަށް ފުލުހުންނާއި، އޭސީސީ އަދި އެސެޓްރިކަވަރީ ކޮމިޝަން ގުޅިގެން ވަނީ ބުރާސްފަތި ދުވަހު ޕްރެސްކޮންފަރެންސެއް ބާއްވާފައެވެ.

Advertisement

އެ ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މި އަހަރު ތަހުގީގު ފެށިއިރު ކުރިން ތަހުގީގަށް ނުލިބޭ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ހިޔާނާތުގެ ފައިސާ ހޭދަކުރިކަންތައްތައް ދެނެގަނެވިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި، ފައިސާ ނެގުމުގެ އަމަލުތައް ހިންގަން ފެށީ 2014 ވަނަ އަަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހިސާބުންނެވެ. އޭރު ބޭއްވި އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކަށާއި، މަޖިލީހުގެ ރައީސް އަކު ހޮވުމުގެ އިތުރުން އެއް ސިޔާސީ ޕާޓީން އަނެއް ސިޔާސީ ޕާޓީއަށް ބަދަލުވުމަށްވެސް ހިޔާނާތުގެ ފައިސާ ހަރަދުކުރެވިފައިވާ ކަަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން އެބޭފުޅުންގެ މަޖިލީހުގެ ދައުރުގައި ހިނގާދިޔަ ބޮޑެތި ކަންކަމާއި ގުޅިގެން މަޖިލީހުގައި ނެގުނު ވޯޓުތަކާއި ބައެއް ކަންކަމަށް ގާނޫނަށް ފާސްކުރުމާއި މީހުން މަގާމުތަކަށް އައްޔަން ކުރުމާއި ގާނޫނު އަސާސީއަށް ބަދަލުގެނައުމާއި މިކަހަލަ ބޮޑެތި އިޝޫސްތަކާއި ގުޅިގެން ނެގުނު ވޯޓްތަކަށް މި ފައިސާއިން ހަރަދުކޮށްފައިވާނެ ކަމަށް މިކަމާއި ގުޅިގެން ތަހުގީގަށް ދެެއްވި މައުލޫމާތާއި ފެންނަން ހުރި ހެކިތަކުން ފާހަގަކުރެވެން އެބަހުރި
މުހައްމަދު ރިޔާޒު ~ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް

އޭސީޕީ ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނަށާއި، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 16 މެމްބަރަކަށް ފައިސާ ލިބުނު ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ހުރިހާ ފަރާތްތަކަކީ ހިޔާނާތުގެ ބައިވެރިން ކަމުގައި ބުނަން އަދި މާ އަވަސް ކަމަށާއި، އެ ފަރާތްތަކަށް އެ ފައިސާއާ ހަވާލުވީ އެމްއެމްޕީއާރްސީގެ ފައިސާކަން އެނގިތިބެގެން ގެންތޯ ނުވަތަ ނޫންތޯ ބަލައި ހޯދަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް