މިދިޔަ މަހު މާލެގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވެހި ކަމުގެ ދަށުގައި އަދިވެސް އަދިވެސް 24 އާއިލާއެއް ތިބިކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ހ. ތިލަފުށީ ގޭގައިހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވުމުގެ ސަބަބުން ބޯހިޔާވަހިކަން ބޭނުންވި ފަރާތްތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ނިޔަލަށް 24 އާއިލާއަކުން 141 މީހަކު ވަގުތީ ބޯހިޔާވަހިކަމުގައި ތިބިކަމަށެވެ.
މިފަރާތްތަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފައިވަނީ ގާކޮށީގެ 14 އެޕާޓްމަންޓެއްގެ އިތުރުން ގެސްހައުސްތަކާއި އެޕާޓްމަންޓްތަކުން ކޮޓަރި ކުއްޔަށް ނަގައިގެން ކަމަށެވެ. އަދި މިވަގުތު ބޯހިޔާވެހިކަމުގައި ތިބީ އަލިފާނުގެ ހާދިސާގެ ސަބަބުން ދައިމީ ބޯހިޔާވެހިކަން ބޭނުންވެފައިވާ ފަރާތްތަކަށެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ކުއްޔަށް ދިރިއުޅެމުންދިޔަ އާއިލާތަކަށް ދިނުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ނިންމާފައިވާ 3 މަސް ދުވަހުގެ ކުލީގެ ފައިސާ ވަނީ ޖަމާކޮށްދެވިފައި ކަމަށް ޑިޒާސްޓަރ އިން މައުލޫމާތު ދެއެވެ. އަދި ތަނެއް ކުއްޔަށް ހިފުމައި ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެއާއިލާތަކަށް އޮކްޓޯބަރ 31 ގެ ނިޔަލަށް އެ އޮތޯރިޓީގެ ވަގުތީ ބޯހިޔާވަހި ކަމާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖއްސައިދެއްވާ އެކަން އާއިލާ ތަކަށް އަންގަފައިވާނެ ކަމަށެވެ.
މިހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ ވެރިފަރާތްތަކަށް ދާއިމީ ބޯހިޔާވެހިކަން ދިނުމާއި ގުޅޭގޮތުން ސަރުކާރުން ވަކި ގޮތެއް ނިންމަވަންދެން ގަކޮސީގައި ދިރިއުޅެވޭނެ އިންތިޒާމްތަކާއި ކެއުމުގެ އެލަވަންސް އެ އޮތޯރިޓީން ފޯރުކޮށްދެމުން ގެންދިއުމަށް ހަމަޖައްސާ އެކަން އެ އާއިލާތަކަށް ހިއްސާކުރެވިފައިވާކަމަށް ޑީޒާސްޓަރ އިން މައުލޫމާތު ދެއެވެ.
ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު މަރުވެ 400 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައި ވެއެވެ.