Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 15:33
އެމްޓީސީސީގެ މަހާ ޖައްރާފް
އެމްޓީސީސީގެ މަހާ ޖައްރާފް
ގޫގުލް
ގުޅީފަޅު ހިއްކުން
މަހާޖައްރާފް ބޭނުންކޮށްގެން 6 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކަން 500 ދުވަސް ނަގާނެ: އެމްޓީސީސީ
ބޮސްކާލިސް އިން ގުޅީފަޅު ހިއްކަން ތިންމަސް ނަގާއިރު، އެމްޓީސީސީން މިކަން ކުރާނަމަ 18 މަސް ނަގާނެ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބިންހިއްކަން ބޭނުންކުރާ މަހާޖައްރާފް ބޭނުން ކުރާނަމަ، ގުޅި ފަޅުން މިހާރު ހިއްކަން ބޭނުންވާ ޞަރަޙައްދު ހިއްކަން 500 ދުވަސް ނަގާނެކަމަށް އެކުންފުނީގެ ސީއީއޯ ޙަސަން ޝާހް ވިދާޅުވެއްޖެއެވެ.

Advertisement

އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން ބިންހިއްކެން އޮތްވައި ބިޑް ކުރުމެއްނެތި ގުޅީފަޅުގެ ބިންހިއްކުން ބޭރުގެ ކުންފުންޏަކާއި ޙަވާލުކުރިކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔުން ޢަމާޒުވެފައިވާ މިދަނޑިވަޅުގައި، ރާއްޖެ.އެމްވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝާހް ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީން ގުޅި ފަޅު ހިއްކަން ޙަވާލުކޮށްފައިވަނީ 180 ދުވަސްތެރޭގައި ނިންމަން ކަމަށާއި، މަހާޖައްރާފާގެ ކެޕޭސިޓީއަށް ބަލާއިރު، މިކަން ކުރެވޭނީ 500 ދުވަހުން ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބޮސްކާލިސްއާއި ޙަވާލު ކުރީ 3 ދުވަސްތެރޭ 6 މިލިޔަން ކިއުބިކް މީޓަރުގެ ބިން ހިއްކަން. މަހާ ޖައްރާފް ބޭނުންކޮށްގެން މިކަން ކުރާނަމަ ނަގާނެ 500 ދުވަސް. އެއީ ގާތްގަނޑަކަށް ދޮޅު އަހަރު. މިއީ ޙަޤީގަތަކީ... ސަރުކާރުން ބޭނުންވަނީ އަވަހަށް މަސައްކަތް ނިންމަން. އެމްޓީސީސީން މިކަން ކުރާނަމަ ސަރުކާރު ދެބައިވާއިރުވެސް މަސައްކަތް ނުނިންމޭނެ.
އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހް

ޝާހު ވިދާޅުވީ އެކުންފުނީގެ މަހާޖައްރާފަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޑްރެޖް ކުރެވެނީ ބާރަ ނުވަތަ ތޭރަހާސް ކިއުބިކް މީޓަރު ކަމަށެވެ. އެހެންކަމުން 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި 6 މިލިޔަން ކިއުބިކު މީޓަރުގެ ބިންހިއްކުމަކީ އެކުންފުންނަށް ކުރެވޭނެކަމެއް ނޫންކަމަށާއި، އެކުންފުނިން އެ މަސައްކަތް ކުރާނަމަ 18 ވަރަކަށް މަސްދުވަސް އެކަމަށް ހޭދަވާނެކަމަށް ޝާހް ވިދާޅުވިއެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމުގެގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބޮސްކާލިސް ކުންފުންޏާއި މި މަޝްރޫޢު ޙަވާލުކުރީ ވިހާވެސް އަވަހަށް ނިންމަންކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، މާލެ އަތޮޅު ގުރައިދުއާއި މާފުށީގެ ބިން ހިއްކަން ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއި ހަވާލުކޮށްފައިވާތީ އެސަރަހައްދުގައި މިހާރު މަހާޖައްރާފު މޮބިލައިޒް ކޮށްފައިވާކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބިޑްކުރުމެއް ނެތި ބޮސްކާލިސް ކުންފުންޏާއި ޙަވާލުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެންޓިކޮރަޕްޝަން (އޭސީސީ) އިން ބުނެފައިވަނީ މިކަމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ރޫހާ ޚިލާފަށްކުރާ ކޮރަޕްޝަންގެ ހިރާސް އޮތްކަމަކަށް ވާތީ އެކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން ކޮމާރޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ހަމެޖެހިފައިވާ 06 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށާއި، 4 ކިލޯ މީޓަރުފެ ތޮއްޓެއް ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން މިމަހުގެ 17 ވަނަ ދުވަހު ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 53 މިލިއަން ޑޮލަރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް