Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 16:04
ފާރިސް މައުމޫން އޭސީސީއަށް ވަޑައިގަންނަވަނީ
ފާރިސް މައުމޫން އޭސީސީއަށް ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ބަޔާން
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
ފާރިސް އޭސީސީއަށް ހާޒިރު ކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
މިއީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކުއްލި ގޮތަކަށް އަންގާރަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާތީ އެކަމާ މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފާރިސް އޭސީސީއަށް ހާޒިރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ މަސައްކަތްތައް ފާރިސް ކުރައްވަމުން ގެންދަވާތީ، ފާރިސްއަށް ބިރުދައްކައި އެމަސައްކަތް ހުއްޓުވުމަށް ކަމަށެވެ. މިއީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި ސިޔާސީވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ބާރުވެރިކަމަށް ސަރުކުރުން ކޮންމެ ހިނދެއްގައި ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކާއި، ނޫސްވެރިން އަދި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކިގޮތްގޮތުން ބިރުދައްކައި ފިއްތުންތައް މުއައްސަސާތައް މެދުވެރިކޮށް ކުރިމަތި ކުރުވުމަކީ ރާވައިގެން ހިންގާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ބަޔާނުގައި ވާގޮތުން، މިނިވަން މުވައްސަސާތަކާއި، ފުލުހުންނާއި އަދި މިނޫންވެސް އެފަދަ މުއައްސަސާތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު މުއައްސަސާތަކެއް ކަމަށާއި އެ މުއައްސަސާތަކުގެ މަސައްކަތަކީ، ރައްޔިތުންގެ ހައްގުގައި ކުރާ އިހްލާސްތެރި މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ.

އެ މުވައްސަސާތަކަކީ ދިވެހި ވެރިކަމުގެ ސާފުކަން ދަމަހައްޓައިދޭ ދައުލަތުގެ އެންމެ މުހިއްމު ވަޞީލަތްތައް ކަމަށާއި އެހެންކަމުން ވަގުތީ އުފަލެއްގެ ދަހިވެތިކަމުގައި ނުޖެހި ނަޒާހަތްތެރިކަމާ އެކު މިފަދަ މުވައްސަސާތައް ހިންގުމަކީ މިއަދު ދިވެހި ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ކަމެއް ކަމުގައި ވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، ރައްޔިތުންގެ އިތުބާރު އެކޮމިޝަނުގެ މައްޗަށް އިތުރުކުރެވޭނެ ގޮތަށް ކަންކަން ކުރުމަށް އިލްތިމާސްކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ސިޔާސީ ކަންކަން ހަލަބޮލިވެ ރާއްޖޭގެ ހާލަތު އެތައް ގުނައަކުން ދަށްވެފައި ވާތީ، މި ދަނޑިވަޅުގައި ގާނޫނުއަސާސީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ނިކުންނަވާ ހައްގު މަގުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އެމްޑީޕީން ހިއްވަރުދީ މަރުހަބާ ކިޔާ ކަމަށާއި އަދި ދިވެހިރާއްޖެ އިސްލާހްކުރުމަށް އެދޭ ހުރިހާ ފަރާތްތަކަކާއެކު މަސައްކަތްކޮށް ރައްޔިތުން އެދޭ ފަދަ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި އެމްޑީޕީން ދެމިތިބޭނެ ކަމުގައި ޔަގީންކަން އަރުވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް