Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 09:31
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ސޯލިހް ފޮނުއްވެވި ދިޔާނާ ސައީދު އަދި މަހާޒް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ސޯލިހް ފޮނުއްވެވި ދިޔާނާ ސައީދު އަދި މަހާޒް
މަޖިލިސް 2019
ފަނޑިޔާރުންގެ މައްސަލަ އަލުން އަނބުރާ ކޮމެޓީއަށް ފޮނުވައިފި
މި ދެބޭފުޅުންގެ ނަންފުޅު ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން
ފޮނުވާލެވުނީ ދިރާސާގެ މަސައްކަތް ނިންމުމަށްފަހު ފޮނުވި ރިޕޯޓުގައި ގޮތެއް ނިންމާފައި ނުވާތީ
ދެބޭފުޅުންގެ ނަންފުޅު މަޖިލީޙުގައި ތަޅުމުގައި އިއްވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވާ ދެ ބޭފުޅުން ކަމަށްވާ، ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅު ދިރާސާކޮށް ކޮމެޓީއިން އެކުލަވާލި ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް އަލުން ކޮމެޓީއަށް ފޮނުވާލައިފިއެވެ.

މި ދެބޭފުޅުންގެ ނަންފުޅު ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިންނެވެ.

Advertisement

އެ ރިޕޯޓު އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިރާސާގެ މަސައްކަތް ނިންމުމަށްފަހު ފޮނުވި ރިޕޯޓުގައި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

މި ރިޕޯޓުގައި އަޅުގަނޑަށް ފެންނަ ގޮތުގައި ގޮތެއް ނިންމަވާފައެއް ނުވޭ. ވިދާޅުވެފައި އޮތީ ޖުޑިޝިއަލް ސާރވިސް ކޮމިޝަންގެ މަސައްކަތްތައް ރަނގަޅަށް ކުރައްވާފައޭ އޮތީ. އެހެން ނަމަވެސް އެކޮމެޓީއަށް ވަކިން އެކޮމެޓީއަށް ވަކިން ފެނިވަޑައިގަންނަވާ ގޮތެއް މި ރިޕޯޓުގައި ވިދާޅުވެފައި ނުވާތީވެ، އަޅުގަނޑު މި ދެކެނީ މި ރިޕޯޓު މަޖިލީހަށް އަދި ނުގެނެސް ކޮމެޓީއިން އެކޮމޭޓިއިން ދެކިވަޑައިގަންނަވާ، ފެނިވަޑައިގަންނަވާ ގޮތެއް ރިޕޯޓުގައި ފާހަގަކޮށްދެއްވުމަށް އެދި އަޅުގަނޑު މި ގަސްދުކުރަނީ އަލުން އަނބުރާ ކޮމެޓީގައި މި މަސައްކަތް އިތުރަށް ގެންގޮސްދެއްވުމަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީޙުގައި ތަޅުމުގައި އިއްވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެމަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ޖޭއެސްސީން ރައީސަށް ލަފާއެރުއްވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ. މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ލަފާ އަރުއްވާފަ އެވެ.

ރައީސް ސޯލިހު އެ ދެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމަށް އިއުލާން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ވަކިކުރެވުމާއި ގުޅިގެންނެވެ. ޑީޑީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ އެ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 72 މެމްބަރުންގެ ވޯޓާ އެކުގައެވެ.

ކޮމެޓީން ނިންމާ ގޮތެއްގެ މަތިން އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރެވިގެންދާނެ އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކަނޑައެޅިގެންދާނީ މަޖިލީހުގައި ނަގާ ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

ޤާނޫނު އަސާސީގެ 148 ވަަނަ މާއްދާގެ (ހ) ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް