ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަޤާމުން އައިޝަތު ބިޝާމް ވަކިނުކޮށްގެން އުޅެނީ އިދިކޮޅު ފަރާތްތަކާއި މެދު ސިޔާސީ ދައުވާ އުފުލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މި ފަހަކަށް އައިސް ސިލްސިލާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަމުން އަންނަ ޕްރެސްކޮންފަރެންސް ތަކުގެ ތެރެއިން ހޯމަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެ ބޭފުޅުންގެ ސަރުކާރުގައި ޕީޖީ އުފުލާ ހުރިހާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ބުނަމުން ދިޔަކަމަށެވެ. އެގޮތުން އޭރު ބިޝާމް ފަދަ ގޯސް މީހެއް ނެތް ކަމަށާއި، އެހެން ނަމަވެސް މިހާރު ޕީޖީ ވަރުގެ ''ރަނގަޅު'' މީހެއް ނެތް ކަމަށެވެ.
ދާދި ފަހުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޕީޖީގެ މަޤާމުން ބިޝާމް ވަކިކުރަން ނިންމާ، އޭނާ މަޤާމުން ވަކި ކުރުން ފަސްކުރަން ނިންމި ނިންމުމަށް ފާޑު ކިޔަމުން ޝުޖާއު ވިދާޅުވީ، މަޖިލީހުން ބިޝާމް ވަކިނުކުރެވިގެން އުޅެނީ ސިޔާސީ ދައުވާތައް އުފުލުމުގެ ބޭނުމުގައި ކަމަށެވެ.
މިހާރު ބިޝާމް މިއުޅެނީ ތާހަކަށް މައްސަލަ ލައިގެން އިނގޭތޯ. ދައުވާތައް ތާހަށް ލައިގެން މީނަ މިހަަމަ ހަނާކޮށްލާ ހަނާކޮށްލާ މިހުންނަނީ. ސިޔާސީ ދައުވާ މީނާލައްވަ އުފުއްލަން ސަރުކާރުން އުޅެނީ.އިބްރާހީމް ޝުޖާއު
އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިހު އުޅުއްވަނީ ބިޝާމް މެދުވެރިކޮށް، އިދިކޮޅު ލީޑަރުންނާއި ދެކޮޅަށް ސިޔާސީ ދައުވާކޮށް ބިރުދައްކަން ކަމަށެވެ.
ބިޝާމްގެ މައްސަލަ މަޖިލީހުން ކުރިޔަށް ގެންދާ ގޮތާމެދު ޝުޖާއު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބިޝާމް އަކީ ޕީޖީގެ މަޤާމަށް ކުފޫހަމަނުވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ މީގެ ކުރިން މަޖިލީހުގެ ތަޅުމުގައިއާ ކޮމިޓީތަކުގައި ވިދާޅުވެފައެވެ. ޕީޖީގެ މަޤާމުން ބިޝާމް ވަކިކުރަން ޖެހޭ ކަމަށް ޢާއްމުންގެ ބައެއް ފަރާތްތަކުންވެސް ވަނީ ޝޯޝަލް މީޑިއާގައި ގޮވާލާފައެވެ.
ބިޝާމް މަޤާމުން ވަކިކުރުމުގެ މައްސަލަ ފަސްކުރުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޖުޑިޝަރީ ކޮމިޓީން ނިންމިއެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީން ބުނާ ގޮތުން އެ މައްސަލަ ފަސްކުރަން ޖެހުނީ އުޞޫލީ މައްސަލަތަކެއް ހުރުމުން ކަަމަށެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޕީޖީގެ މަޤާމަށް ބިޝާމް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ މަޤާމާއި ޙަވާލުވުމުގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް ސެކްރެޓަރީގެ މަޤާމާއި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމުވެސް އަދާކުރައްވާފައެވެ.