Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 09:22
ރާއްޖެޓީވީގެ ހޯމަ ދުވަހުގެރޭގެ ފަލަސުރުޚީގައި ޑރ. ޑީޑީ
ރާއްޖެޓީވީގެ ހޯމަ ދުވަހުގެރޭގެ ފަލަސުރުޚީގައި ޑރ. ޑީޑީ
ރާއްޖެއެމްވީ
ސްވައިން ފްލޫ ފެތުރޭކަން ސިއްރ
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
އެޗް1އެން1 ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއްގައި
ހެލްތް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ޖެހޭ

ނުރައްކާތެރި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ޑީޑީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، މިފަދަ ބަލިމަޑުކަމެއް ފެތުރެމުންދާއިރު އާއްމުންނަށް އެނގެން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމަކީ، ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އަމަލު ކުރަމުންދަނީ ރައްޔިތުންނަށް މައުލޫމާތު އޮޅުން އަރާ ގޮތަށް ކަމަށާއި، އެކަން އެހެން ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. ޑީޑީ ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ކުރުމުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ދިވެހިރައްޔިތުންނަށެެވެ.

" ސޯޝަލް މީޑިއާ މިހާ ކުރިއަރާފައި ވާއިރު އެއްވެސް ކަމެއް މިއަދު ނުފޮރުވޭނެ، ބެލެނިވެރިންނަށްވެސް މިއަދު މިކަން އެނގޭ، ސަރުކާރު ސުކޫލުތައް ބަންދު ކުރުމުގެ ކުރިން ޕްރައިވެޓް އޮގަނައިޒޭޝަން ތަކުން ހިންގާ ސްކޫލްތައް ބަންދުކޮށްފި. އަވަށްޓެރިގައުމުތަކުގައިވެސް މި ބަލި ދަނީ ފެތުރެމުން" ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ މިވާހަކަތައް މި ދައްކަނީ ސިޔާސީ ވާން ނޫންކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އެކުލެވިގެންވާތީކަމަށެވެ. އަދި މިކަމަކީ ގައުމީ މަސައްލަހަތު ނުހަނު ބޮޑަށް އެކުލެވޭކަމެއް ކަމަށް ވުމުންކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ، މިވަގުތު މުހިންމީ އެކަން ފޮރުވުން ނޫންކަމަށާއި، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަންއޮތްގޮތް އޮޅުވާލުމުގެ ބަދަލުގައި ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުން މުހިއްމުކަމަށެވެ.

"ރާއްޖެއަށް ޒިޔާރަތްކުރައްވަން އުޅުއްވާ ކޮންމެވެސް ބޭފުޅެއް ވަޑާއި ނުގެންފާނެތީ ބިރުފުޅުން އުޅުއްވާކަހަލަގޮތަކަށް ސިފަވަނީ، އެއީ ރައްޔިތުންނަށް ބަލައިގަނެވޭނޭކަމެއް ނޫން" ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ މިފަދަ ބަލިމަޑުކަމެއް ފެތުރިގެންދާއިރު ރާއްޖޭގެ އަތޮޅުތެރޭގެ ސިއްހީ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ ބޭސް ފިހާރަތަކުން ބޭސްމަލްން ކޮޅެއްހާ ހިސާބު ލިބެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެޗް1އެން1 އިންތިހާއަށް ފެތުރެމުންދާއިރު، އެބަލި ޓެސްޓްކުރެވޭނެ ނިޒާމެއް އަތޮޅުތެރޭގައި ގާއިމްވެފައި ނެތްކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

ނުރައްކާތެރި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށް ޑރ. ޑީޑީ ވިދާޅުވިއިރު، މި ބަލި ފެތުރި މީހާކު މަރުވެފައިވާ ކަމަށް ސަރުކާރުން ހާމަ ކުރީ ހޯމަ ދުވަހުގެ ރޭ ފަލަ ސުރިހީ އަށް ފަހު ހެލްތު މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. 

ރައްޔިތުންނާއި މެދު މިފަދަބޮޑު އިހުމާލެއް ސަރުކާރުން ވަމުންދާއިރު، ދިވެހިރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި މަޖިލީހުގެ މެންބަރުން ހެލްތް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ޖެހޭކަމަށް ޑީޑީ ވިދާޅުވިއެވެ. އިދިކޮޅު މެންބަރަކު އެފަދަކަމަކަށް އެދުނު ނަމަވެސް މަޖިލީހުގެ ރައީސަކަށް ހުންނެވި މަސީހު އެފުރުސަތު ނުދެއްވާނެކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ. ޑީޑީ ވިދާޅުވިގޮތުގައި މަޖިލީހުގެ ރައީސްގެ ގޮތުގައި މަސީހު ބޭންދެން ނެތީ މިފަދަ ސަބަބުތަކާއި ހެދިއެވެ. އެމަނިކުފާނުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭނަމަ، މަޖިލީހުގެ ފުރިހަމަ މިނިވަންކަމަށްޓަކައި މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރަން ޖެހޭކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް