އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ.
މި ބިލް ގެ ފުރަތަމަ ކިއުން އިއްވާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެ ދިޔަ މުއްދަތުގައި ކައުންސިލްތަކުގެ ކިބައިން ވަކި ކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޔާދަކޮށްދިނުމެވެ. އަދި ގާނޫނު އަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމާއި އެއްގޮތް ވާގޮތުގެ މަތިން ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއި އެކު ކައުންސިލްތަކުގެ ކަންތައްތައް ހިންގުމަށް މަގުފަހިކޮށްދީ ކައުންސިލްތައް އަލުން ފުރިހަމަޔަށް ބާރުވެރިކުރުވުމަށްޓަކައި ގެނެވޭ އިސްލާހެކެވެ.
ބިލް ހުށަހަޅުއްވަމުން މެމްބަރު ނިޔާޒް ވިދާޅުވީ 2017 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ އިންތިހާބަށް ނުކުތީ ރާއްޖެ ލާމަރުކަޒީ ކުރުމުގެ ޝިއާރުގެ ދަށުން ކަމަށެވެ.
2017 ވަނަ އަހަރު އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ކައުންސިލްގެ އިންތިޙާބަށް މިނުކުތީ ލާމަރުކަޒީ ރާއްޖޭގެ ޝިއާރުގެ ދަށުން. ކައުންސިލްތަކުގެ 65% އަޅުގަނޑުމެންނަށް ލިބުން. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދިޔައީ ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއި އެކު. އަނެއްކާވެސް ޖަޒީރާ ވަންތަ ސިފަ ނުގެއްލޭނެ ގޮތަށް ތަރައްގީ ކުރާނޭ މެނިފެސްޓޯ ހިފައިގެން، ރައްޔިތުން ބުނީ އާއެކޭ.ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
މެމްބަރު ވިދާޅުވީ މަރުކަޒީގޮތަށް ރާއްޖެ ހިންގުމަކަށް ރައްޔިތުން ނުރުހޭ ކަން އެބަ އެނގޭ ކަމަށެވެ. މަރުކަޒީކޮށް ހިންގުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވިސްނުންފުޅު ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ ރާއްޖޭގެ 70 އިންސައްތަ މީހުން ހުޅުމާލެ ޖަމާކޮށް ތަރައްގީކުރުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. މެމްބަރު ނިޔާޒް ވިދާޅުވީ އެއީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަން ސާފުކޮށް އެނގޭ ކަމަށެވެ.
ނަމަވެސް މި ސަރުކާރަށް ފެނުނީ، އަދި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި އޮތީވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.