ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 07:47
ވެރިކަމުން ވައްޓާލިތާ ހަ އަހަރަށް ފަހު މުބާރަކް އާއި އޭނާގެ އަރިސް ގިނަ ފަރާތްތަކުގެ މައްޗަށް ކުރެވުނު ދައުވާތައް ވަނީ ބާތިލްކުރެވިފައި
ވެރިކަމުން ވައްޓާލިތާ ހަ އަހަރަށް ފަހު މުބާރަކް އާއި އޭނާގެ އަރިސް ގިނަ ފަރާތްތަކުގެ މައްޗަށް ކުރެވުނު ދައުވާތައް ވަނީ ބާތިލްކުރެވިފައި
ގޫގުލް
ހުސްނީ މުބާރަކްގެ ޝަރީއަތް
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
ދައުވާތައް ސާބިތު ނުވާކަމަށް ނިންމާފައިވަނީ މާރިޗް މަހުގެ 2 ވަނަ ދުވަހު
އޭނާ ހުންނެވީ އަސްކަރީ ހޮސްޕިޓަލެއްގައި ބަންދުކޮށްފަ

ހުސްނީ މުބާރަކްގެ ވެރިކަން ބަދަލުވުމަށް ދިމާވި އަރަބި ރަބީއުގައި މިސްރުގައި މުޒާހަރާތައް ކުރި ފަރާތްތައް މެރުމުގައި ބައިވެރިވެފައިވާ ކަމަށް މުބާރަކްގެ މައްޗަށް ކުރެވުނު އެންމެހާ ދައުވާތަކުން ސަލާމަތްވެވަޑައިގެން މިހަފްތާގައި އޭނާ މިނިވަން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހަ އަހަރު ވަންދެން ކުރިޔަށްގެންދެވުނު އެކި ޝަރީއަތްތަކުން މުބާރަކް ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އޭނާ ހުންނެވީ އަސްކަރީ ހޮސްޕިޓަލެއްގައި ބަންދުކޮށްފައެވެ.

މުބާރަކްގެ ވަކީލް ފަރީދުލް ދީބް ވިދާޅުވީ ހެލިޕޮލިސްގައި ހުންނަ އޭނާގެ ގެކޮޅަށް މި ހަފްތާގައި ބަދަލު ކުރެވޭނެ ކަމަށެވެ. ގެކޮޅަށް ބަދަލު ކުރެވޭނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުވާތަކުން ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް ކޮރަޕްޝަނުގެ މައްސަލައެއްގައި ތަހުގީގު ކުރެވެމުން ދާތީ ގައުމުން ބޭރަށް ފުރާވަޑައިގަތުން އޮތީ މަނާކުރެވިފައެވެ.

މުޒާހަރާކުރި ފަރާތްތައް މެރުމުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ތުހުމަތުގައި ކުރި ދައުވާތައް ސާބިތު ނުވާކަމަށް ނިންމާފައި ވަނީ މާރޗް މަހުގެ 2 ވަނަ ދުވަހުއެވެ.

މުބާރަކް މިނިވަންކުރުމަށް ނިންމުމާ ގުޅިގެން އެތައް ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

"އަހަރެންގެ ފިރެހެން ދަރީގެ ލޭ އޮހޮރުވާލީ ކަމަކާ ނުލާ" ޖެނުއަރީ 28، 2011 ގައި ބަޑިޖަހައި މަރާލެވުނު އުމުރުން 22 އަހަރުގެ ޒުވާނެއްގެ ބައްޕަ ކަމަށްވާ މުސްތަފާ މުރުސީ ބުންޏެވެ.

މިސްރުގައި 30 އަހަރު ވެރިކަން ކުރެއްވި މުބާރަކްގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މުޒާހަރާ ކުރި މީހުން މަރަން އެންގިކަމުގެ ތުހުމަތެވެ. އެ ގޮތުން 18 ދުވަހަށް ދެމިގެންދިޔަ މުޒާހަރާތަކުގައި ފުލުހުންނާ ހިނގި ކުރިމަތިލުންތަކުގައި 850 މީހުން މަރުވެފައި ވެއެވެ.

އުމުރުފުޅުން 88 އަހަރުގެ މުބާރަކް އުމުރަށް ޖަލަށްލުމަށް 2012 ވަނަ އަހަރު ހުކުމް ކުރެވުނު ނަމަވެސް އޭގެ ދެ އަހަރު ފަހުން އިސްތިއުނާފް ކޯޓުން ވަނީ އެ ޝަރީއަތް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް ގޮވާލާފައެވެ.

މުބާރަކްއާ އޭނާގެ ދެ ފިރެހެން ދަރިންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތަކެއް ވެސް ކުރެވިފައި ވެއެވެ. ޖެނުއަރީ 2016 ގައި އިސްތިއުނާފް ކޯޓުން ވެސް އެ މައްސަލައިގައި ދަށުކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވާއިރު މުބާރަކާ ދެ ދަރިކަލުން ކަމަށްވާ އަލާ އާއި ގަމާލް ވެސް ވަނީ ތިން އަހަރުގެ ޖަލު ހުކުމް ފުރިހަމަކުރައްވާފައެވެ. 

މުބާރަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އެ ގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރުސީގެ ވެރިކަން އެއްމެ އަހަރަކަށް ފަހު އަސްކަރިއްޔާއިން ވައްޓާލާފައިވާއިރު އަރަބި ރަބީއުގައި ގެނައި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައްވަނީ އަނބުރާ ހޯދަންޖެހިފައެވެ. އަދި އެ ރަބީރު މުޅި އަރަބި ގިނަ ގައުމުތަކަށް ފެތުރި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފައެވެ. އެ ގޮތުން މިސްރާއި ސީރިއާ އާއި ޔަމަނު ފަދަ ގައުމުތައް ވަނީ ހަނގުރާމައިގެ މައިދާންތަކަށް ބަދަލުވެފައެވެ. އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ހާލުގައި ޖެހި ގެދޮރު ގެއްލި ހިޖުރަކުރަން ޖެހިފައި ވެއެވެ. 

- ކޮމެންޓް