ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާރކެޓް ފޯރަމެއް މިމަހު 31 ގައި ބާއްވަން ނިންމައިފިއެވެ.
މި ފޯރަމަކީ އެއް ދުވަހުގެ ފޯރަމަކަށްވާއިރު ފޯރަމް ކުރިޔަށްދާނީ ބަނޑޮސް އައިލޭންޑް ރިސޯޓުގައެވެ.
ސީއެމްޑީއޭ އިން ބުނީ ކެޕިޓަލް މާރކެޓް ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ކެޕިޓަލް މާރކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ދެނެގަތުން ކަމަށެވެ. އަދި މި ނިޒާމު ގާއިމް ކުރެވޭއިރު މި ނިޒާމް ވެގެންދާނީ ދިވެހި ގައުމަށް އިޖްތިމާއީ އަދާލަތު ގެނެވޭނެ ފަދަ ނިޒާމަކަށް ކަމަށްވެސް ސީއެމްޑީއޭއިން ބުންޏެވެ.
މި ފޯރަމްގެ ޝިއާރަކީ ކެޕިޓަލް މާރކެޓް ފޮރ ޝޯޝަލް ހާރމަނީއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ވިދާޅުވީ ކެޕިޓަލް މާރކެޓްގައި ވަރަށް ބައިވަރު ގޮންޖެހުންތަކެއް ހުރި ކަމަށާއި އެހެން ކަމުން މިކަމާއި ބެހޭ ޕްރެޒެންޓޭޝަނެއް ފޯރަމްގައި ސްޓޮކް އެކްސްޗޭންގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ ކެޕިޓަލް މާރކެޓަކީ ގައުމެއް ބިނާ ކުރުމަށް ވަރަށް މުހިންމު ވަސީލަތެއްކަމެށެވެ.
އަސްލު ކެޕިޓަލް މާރކެޓްއަކީ ގައުމެއް ބިނާ ކުރުމަށް ވަރަށް މުހިންމު ވަސީލަތެއް. އެހެން މިދަންނަވަނީ ދިވެހިންނަށް އިންވެސްޓް ކުރުމުގައި ލިސްޓް ކުރެވިފައިވާ ބޮޑެތި ކުންފުނި ތަކެއްގައި އިންވެސްޓް ކުރުމަށް ފުރުސަތުލިބޭ އިރު މިއީ އެންމެންގެ ވެސް ޒިންމާއެއް.މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ
ކެޕިޓަލް މާކެޓެއްގައި ބައިވެރިވުމުގެ އެންމެ ބޮޑު ފައިދާއަކީ ދެ ފުށްފެންނަ ގޮތަށް ހުރިހާ ވިޔަފާރިއެއް ހިނގުމަށް ފުރުސަތު ލިބިގެންދިޔުން ކަމަށް ސީއެމްޑީއޭ އިން މައުލޫމާތުދެއެވެ.
މި ފޯރަމްގައި ރާއްޖެއިން ބޭރުގެ ފުންނާބު އުސް ބޭފުޅެއް ބައިވެރިވާނެ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.