އަލަށް ތައްޔާރުކުރާ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު މަދުވުމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަންބޮޑުވުންފާޅުކޮށްފި އެވެ.
މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ ސިޓީ ކައުންސިލުން އެ ޞަރަޙައްދު އެއްކޮށް ހުސްކޮށްފައިވާއިރު އަލުން ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ މައުލޫމާތު ހިއްސާކުރުމުން ރާއްޖެއެމްވީއަށް މޭޔަރު ޝިފާ ވިދާޅުވީ، މާރުކޭޓް މަރާމާތަށް ބަންދުކުރި އިރު 160 އަށްވުރެ ގިނަ ގޮޅިހުރި ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލަރުންގެ މެދުގައި މިހާރު މަޝްވަރާކުރެމުން ދަނީ ގޮޅި ތަކުގެ އަދަދާއި މެދުކަމަށް މޭޔަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ މާރުކޭޓް ކޮމެޓީން ފުރަތަމަ ނިންމީ މިހާރު ހުރި ގޮޅިތައް ބޮޑުކުރުމުން، ގޮޅިތަކުގެ އަދަދު 63 އަށް މަދުކުރުމަށެވެ.
ދަތުރުވެރިންގެ މާރުކޭޓަށް ގިނަ ބަޔެއްގެ ޑީމާންޑް އޮތް ކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ ކައުންސިލުން ފާސްކުރާ ގޮތަށް އެންމެ ފަހު ބަސްބުނުމުގެ ބާރު ލިބިފައިވަނީ މޭޔަރަށް ކަމަށާއި، އެންމެ ފަހުން ބޭއްވުނު ސިޓީ ކައުންސިލް ބައްދަލުވުމުގައި ގޮޅިތަކުގެ އަދަދު ކުރިން ހުށަހެޅި 63 ގޮޅީގެ ބަދަލުގައި 117 އަށް އިތުރުކޮށް ހުށަހެޅި ކަމަށެވެ. ނަމަވެސް އިތުރަށް ވިސްނައި އޮތް ޑިމާންޑާއި އެއްވަރަށް ގޮޅިތަަކުގެ އަދަދު ބަދަލުކޮށް އަލުން ފޮނުވާފައިވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީވެސް އޮތް ޑިމާންޑާއި އެއްވަރަށް ވީހާވެސް ގިނަ ބަޔަކަށް ގޮޅިތަށް ދިނުންކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަަމުން ޝިފާ ވިދާޅުވީ، 160 ގޮޅި ހުރި އިރުވެސް ގޮޅި ހިނގި އެއްވެސް ފަރާތަކުން ކުޑަވެގެން ޝަކުވާ ލިބިފައިނުވާކަމަށާއި މުޅި އަތޮޅުތަކުގެ ދަނޑުވެރިކަމުގެ ވިޔަފާރި ބަރޯސާވެފައި އޮތް ކަމަކަމަށް ގޮތް ނިންމާއިރު ރައްޔިތުންގެ އަޑު އަހަންވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށް މަރާމާތަށްފަހު ހުޅުވުމަށް 45 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ދީފައިވާ މުއްދަތުގެ ތެރޭގައި ތަން ނިންމާނެކަމަށް ވިދާޅުވެ ޝިފާ ވަނީ މާރުކޭޓްގެ ގޮޅި ދޫކުރާއިރު އެ ވިޔަފާރީގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ. އަދި އަލަަަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު އޮންނާނެކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
މާރުކޭޓު ޚާއްޞަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަންކަންކަމުގައިވީނަމަވެސް މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް މުދާ ވިއްކަން ބޭނުންވާނަމަ އެތަކެތި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން ވިޔަފާރި ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ. އަދި އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްކުރެވިގެން އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.