ދެ ގައުމުގެ ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކާން ގެހޭނެކަމަށް ވިދާޅުވެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން އިންޒާރުދެއްވައިފިއެވެ.
ނެދަލޭންޑުންވަނީ ނެދަލޭންޑްގައި ދިރިއުޅޭ ތުރުކީގެ މަސައްކަތްތެރީންނާ ބައްދަލުކުރައްވައި ހޮނިހިރު ދުވަހު ތަގުރީރު ކުރައްވަން އުޅުއްވި ތުރުކީގެ ދެ ވަޒީރަކަށް އެކަން ކުރެއްވުމުގެ ފުރުސަތު ނުދެއްވާފައެވެ.
އޭގެ ތެރެއިން އެއްވަޒީރަކު ވަނީ ގެންގޮސް ޖަރުމަނުގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖައްސާފައެވެ.
ނެދަލޭންޑްގެ ސަރުކާރުން ބުނީ އާއްމު އިންތިޚާބަށް ކުޑަ ދުވަސްކޮޅެއް އޮތް އިރު އެފަދަ ރެލީތަކުގެ ސަބުން ނުތަނަވަސްކަން އުފެދިގެން ދާނެ ކަމަށެވެ.
ތުރުކީގެ ސަރުކާރަށް ތާއީދުކޮށް އެގައުމުން ޔޫރަޕްގެ އެހެން ގައުމުތަކުގައިތިބި ތުރުކީގެ ރައްޔިތުން އެއްކޮށްގެން އެއްވުންތައް ބާއްވަން މަސައްކަތް ކުރަމުންދާތީ އީޔޫގެ ގައުމަތަކާ ތުރުކީއާ ދެމެދު އޮތް ގުޅުމުގައިވަނީ ލައްތަކެއް ޖެހިފައެވެ.
ތުރުކީއިން އެހެން ގައުމުތަކުގައި ރެލީތައް ބާއްވަން މަސައްކަތްކުރަނީ ތުރުކީގެ ރައީސްއަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް ގައުމުން ބޭރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންގެ ތާއީދު އިތުރުކުރުމެވެ.
ތުރުކީގެ ފެމިލީ މިނިސްޓަރ ފާތުމާ ބޭތުލް ސަޔާން ކާޔާ ވަނީ ހޮނިހިރު ދުވަހު އެއްގަމު މަގުން ރޮޓަޑަމްއަށް ވަޑައިގެންފައެވެ. ނަމަވެސް ނެދަލޭންޑްގެ ފުލުހުންވަނީ އެ ކަމަނާ ކޮންސިއުލޭޓަށް ވަޑައިގަތުން ހުއްޓުވައި ޖަރުމަނުގެ ސަރަހައްދީ ރޮނގަށް ގެންގޮސްފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރ މެވްލުތު ކަވުސޮގުލޫ ވައިގެ މަގުން އެގައުމަށް ދަތުރު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުން އޭނާއަށްވެސް އެ ގައުމަށް ވަނުން މަނާކުރިއެވެ.
އީޔޫގެ ގައުމުތަކާ ގުޅުން ގޯސްވަނީ
* ކަވުސޮގްލޫ ވަނުމަށް ނެދަލޭންޑުން ދެކޮޅު ހެދުމުން އޭނާވަނީ އެ ގައުމަކީ ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ ގައުމުތަކުގެ ވެރިރަށުގެ ގޮތުގައި ނެދަލޭންޑް ސިފަ ކުރައްވާފައި
* ޖަރުމަނުގައި ބާއްވަން އުޅުނު އެއްވުން ކެންސަލް ކުރުމުން އެގައުމަކީ ނާޒީން ފަދަ ބައެއްގެ ގޮތުގައި އޮރުދޮޣާން ސިފަ ކުރެއްވި އަދި ޖަރުމަނު ޗާންސެލާ އެންޖެލާ މާކެލްވަނީ އެއީ ބަލައިގަނެވޭނެ ވާހަކަފުޅެއް ނޫންކަމަށް ވިދާޅުވެފައި
* ޑެންމާކުގެ ބޮޑުވަޒީރު ލާޝް ލޯއްކެ ޣަސްމުސެ ވަނީ ތުރުކީގައި ޑިމޮކްރެޓިކް އުސޫލުތައް އޮތީ ވަރަށް ބޮޑު ގޮޖެހުންތަކެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، ބޮޑުވަޒީރާއެކު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވެއް ފަސްކުރައްވާފައި
* ފްރާންސްގެ ފޮރިން މިނިސްޓްރީއިން ރުޅިވެރިކަން ފެތުރުމާ ދުރުވުމަށް ގޮވާލާފައިވަނިކޮށް ފްރާންސްގެ ސަރަހައްދީ އޮފިޝަލަކު ވަނީ އާއްމު މަސްލަހަތަށް ބިރެއް ނެތްކަމަށް ބުނެ އެ ގައުމުގެ މެސްގައި އެއްވުމެއް ބޭއްވުމަށް ހުއްދަ ދީފައި
އޮރްދޮޣާން ވަނީ ހުޅަނގުގެ ގައުމުތަކުން އިސްލާމްދީނަށް ނަފްރަތު ކުރާ ކަމަށް ތުހުމަތު ކުރައްވާ ނެދަލޭންޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.
"އަޅުގަނޑު ދަންނަވާފައިވާނެ އަޅުގަނޑަށް ހީވިޔޭ ނާޒިސަމް ނިމިއްޖޭ، އެކަމަކު އެއީ ނުބައެއް ހުޅަނގުގައި އެކަން އެބަ އޮތް"
އޮރްދޮޣާންވަނީ ފްރާންސްގައި ބޭއްވި އެއްވުމުގައި ތަގުރީރުކުރެއްވުމަށް ކަވުސޮގުލޫ ވަޑައިގަތުމަށް ހުއްދަ ދެއްވުމުން ފްރާންސަށް ޝުކުރު އަދާކުރައްވާފައެވެ.