ރައީސްކަމުގެ މަގާމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ކުރީގެ ލީޑަރު ޕާކް ގިއުން ހައި ހަނު ހުންނެވި އިރު އެކަމަނާ ހައްޔަރު ކުރުމަށް ގޮވާލާ މުޒާހަރާތައް އިތުރުވެއްޖެއެވެ.
އެ ކަމަނާ މަގާމުން ވަކި ކުރެވިގެން ދިއައީ އެ ކަމަނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް ނިންމި ނިންމުމަށް އެ ގައުމުގެ ދުސްތޫރީ ކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ފާސްކުރުމުންނެވެ.
ކޯޓުން އެ ނިންމުން ނިންމި ނަމަވެސް އެކަމަނާ އަދި ހުންނެވީ ރިޔާސީ ގަނޑުވަރުގެ ގޯތިތެރޭގައެވެ.
ސޯލްގެ މަގުތަކަށް ހޮނިހިރު ދުވަހުވަނީ އެތައްހާސް ބަޔަކު އެއްވެފައެވެ.
އޭގެ އެއްދުވަސް ކުރިންވަނީ މުޒާހަރާތަކުގައި ބައިވެރިވި ތިން މީހަކު މަރުވެފައެވެ.
ޕާކް ހައްޔަރު ކުރުމަށް އެތައް ހާސް ބަޔަކު ގޮވަމުންދާއިރު އެކަމަނާއަށް ތާއީދުކޮށްވެސް މަދުމަބަޔަކު އެއްވެފައިވެއެވެ.
ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމުގެ ބިރު އޮތް އިރު އެތައް ފުލުހުންނެއްވަނީ މަގުތަކަށް ނެރެފައެވެ.
ޕާކްގެ މަގާމުގެ އެންމެހާ ހައިސިއްޔަތެއް ގެއްލިވަޑައިގެންފައިވާއިރު އެކަމަނާގެ މައްޗަށް ދައުވާ ކުރެވިދާނެއެވެ.
އެގައުމުގެ އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ މެއި މަހުގެ 9 ވަނަ ދުވަހު މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނާނެކަން އިއުލާނުކޮށްފައެވެ.