ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 08:01
ޑޭވިޑް ލައު
ޑޭވިޑް ލައު
ވިޒިޓް މޯލްޑިވްސް
އެމްއެމްޕީއާރްސީ
ރާއްޖޭގެ ރީތިކަން ފޮޓޯއިން ދައްކުވައިދިނުމަށް، ޑޭވިޑް ލައު ރާއްޖެ އަތުވެއްޖެ
އޭނާ ހުރުމަށް ހަމަޖެހިފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓް، ސީޒަން ފެރަޑައިސް އަދި ޖުމެއިރާ ވިއްޓަވެލި ރިސޯޓްގައި
މިދަތުރުގައި ނަގާ ފޮޓޯތައް ތައިލެންޑްގެ މަޝްހޫރު ޝޮޕިންގ މޯލް ސިއަމް ފެރަގަންގައި ދައްކާލުމަށް ހަމަޖެހިފައިވޭ
އެމްއެމްޕީއާރްސީގެ އަމާޒަކީ ތައިލެންޑްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުން

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ފޮޓޯއިން ދައްކުވައިދިނުމަށް، ތައިލެންޑް ގައި މަސައްކަތް ކުރާ މަޝްހޫރު ފޮޓޯގްރާފަރެއް ކަމަށްވާ ޑޭވިޑް ލައު ރާއްޖެ އަތުވެއްޖެއެވެ.

ޑޭވިޑް ލައު ރާއްޖެ ޒިޔާރަތްކުރާ މި ދަތުރުގައި އޭނާ ހުރުމަށް ހަމަޖެހިފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓް، ސީޒަން ފެރަޑައިސް އަދި ޖުމެއިރާ ވިޓަވެލި ރިސޯޓްގައި ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މައުލޫމާތުދީފައިވެއެވެ.

އޭނާގެ މިދަތުރުގައި ނަގާ ފޮޓޯތައް ތައިލެންޑްގެ މަޝްހޫރު ޝޮޕިންގ މޯލް ސިއަމް ފެރަގަންގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރަކީ އެމްއެމްޕީއާރްސީ އިން ފަތުރުވެރިކަން ފުޅާދާއިރާއެއްގައި އިސްތިހާރު ކުރުމަށްޓަކައި ހިންގަމުންދާ "ފެމިލިއަރައިޒޭޝަން ޓްރިޕް" ތަކުގެ ދަތުރެކެވެ. މި ސިލްސިލާގެ ތެރެއިން މިހާތަނަށް 13 ދަތުރު ބާއްވައިފައިވެއެވެ.

އެމްއެމްޕީއާރްސީގެ އަމާޒަކީ ތައިލެންޑްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ތައިލެންޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 17.697 ފަތުރުވެރިން ތައިލެންޑުން ރާއްޖެއަށް ޒިޔާރްތަކޮށްފައިވާއިރު 2018 ވަނަ އަހަރު ނިމުނުއިރު އެ ގައުމުން 32،436 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 24.6 އިންސައްތަ އިތުރު އަދަދެކެވެ.

އުމުރުން އަށް އަހަރުން ފެށިގެން ފޮޓޯގްރަފީއަށް ހާއްސަ ޝަުގުވެރިކަމެއް ބަހައްޓާ ޑޭވިޑްގެ ފޮޓޯތަކުން ފެނިގެންދަނީ އޭނާ ޒިޔާރާތްކުރާ ގައުމުތަކުގެ އާދަކާދައާއި ސަގާފަތުގެ ރީތި މަންޒަރުތަކެވެ. ޑޭވިޑްގެ މަސައްކަތްތަކުގެ ތެރެއިން ސިޗުއާން، ޓިބެޓް، އިންޑޮނޭޝިއާ، ރަޝިއާ، ކެންޔާ އަދި މޮރޮކޯއަށް އޭނާ ކުރި ދަތުރުތަކުގެ ފޮޓޯތައްވަނީ ބެންކޮކްގައި އެގްޒިބިޓް ކުރެވިފައެވެ.

- ކޮމެންޓް