މިއަދާ ހަމަޔަށް 120 މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެރުވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވުނު ސާރކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ސްޓަރޓް އަޕް ބޫޓް ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އެސްއެމްއީ ޕޮލިސީއެއް އެކި ފޭސްތަކަށް ބަހާލެވިގެން ލޯންޗު ކުރެވިގެންދާނެ ކަމަށާއި މީގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެސްއެމްއީ ބޭންކު ހުޅުވާފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބޭންކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށެވެ. އަދި ލޯނަށް ކުރިމަތިލީ ހުރިހާ ފަރާތްތަކަށް ފައިސާ ފޯރު ނުކޮށްދެވުނު ނަމަވެސް މިހާތަނަށް 120 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަލަށް ފަށާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރު ކޮށްދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންނަކީ ގޮތް ހުސްވެގެން ތިބޭނެ ބަޔެއް ނޫން ކަމަށެވެ. އެގޮތުން ދުވަހަކުވެސް ރާއްޖޭގެ ވިޔާފާރިވެރިއެއް ގޮތް ހުސްވެގެން ވިޔަފާރި ހުއްޓާލި ތަނެއް ނުދެކޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމަށްޓަކާ މިހާތަނަށް ނުކުރެވި އޮތް ކަމަކީ ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުދެވުން ކަމަށެވެ. ފައްޔާޒް ވިދާޅުވީ ވިޔަފާރިތައް ހިންގުމަށް ދިމާވާ ގޮން ޖެހުންތައް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި މިހާރުގެ ސަރުކާރުން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ފެށުމަށް ރަނގަޅު މާހައުލެއް ގާއިމު ކޮށްދިނުމަށް ކަމަށެވެ.
ސާރކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ސްޓަރޓް އަޕް ބޫޓް ކޭމްޕް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ން 26 އަށެވެ. މި ބޫޓް ކޭމްޕްގެ ސަބަބުން ބައިވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެ، ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކާއި ބައްދަލުވުމުގެ އިތުރުން، ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.