ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 19:35
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް : އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.19 ބިލިއަން ރުފިޔާ ލިބިފައިވޭ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް : އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.19 ބިލިއަން ރުފިޔާ ލިބިފައިވޭ
މުހައްމަދު ޝަރުހާން
ދައުލަތުގެ އާމްދަނީ
ދައުލަތަށް 15.48 ބިލިއަން ރުފިޔާގެ އާމްދަނީއެއް
ޓެކްސް އާމްދަނީގެ ގޮތުގައި 12.15 ބިލިއަން ރުފިޔާ ލިބިފައިވޭ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.33 ބިލިއަން ރުފިޔާ ލިބިފައިވޭ
2019ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި އަންދާޒާ ކޮށްފައިވަނީ 22.16 ބިލިއަން ރުފިޔާ

އަހަރުގެ މިހާތަނަށް، ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި، ޖުމްލަ 15.48 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 12.15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 5.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން 1.96 ބިލިއަން ރުފިޔާ އަކީ ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި 3.48 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތަށް ދެވަނައަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައެވެ. އެގޮތުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 3.26 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިން ވަނީ 2.13 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 498 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ އިތުރުން އެހިނިހެން ވިޔަފާރި އަދި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 632.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.19 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެހެނިހެން ޓެކްސް އާމްދަނީގެ ގޮތުގައި 1.26 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ އޭގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 592.1 މިލިއަން ރުފިޔާއާއި އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު 491.7 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޕްރޮޕަޓީ އިންކަމްގެ ގޮތުގައި ލިބުނު 1.03 ބިލިއަން ރުފިޔާއެވެ. މިއަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިސޯޓު ކުލީގެ ގޮތުގައި ލިބުނު 896.4 މިލިއަން ރުފިޔާއެވެ. ދެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 9.1 މިލިއަން ރުފިޔާއާއި އެހެނިހެން ޕްރޮޕަޓީ އިންކަމްގެ ގޮތުގައި ލިބުނު 127.6 މިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އަމްދަނީގެ ދެވަނައަށް އެންމެ ބޯޑު ހިއްސާއެއް ކުރަނީ ފީސް އެންޑް ޗަރޖަސްގެ ގޮތުގައި ލިބުނު 1.01 ބިލިއަން ރުފިޔާއެވެ. އެއީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 491.8 މިލިއަން ރުފިޔާއާއި، ރެޒިޑެންޓް ޕަރމިޓް ދޫކޮށްގެން ލިބުނު 231.6 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ފީތަކާއި ޗަރޖްގެ ގޮތުގައި ލިބުނު 290.8 ބިލިއަން ރުފިޔާއެވެ.

އިންޓްރެސްޓް އަދި ޑިވިޑެންޑްގެ ގޮތުގައި 555.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދައުލަތުގެ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބިފައިވާ 408 މިލިއަން ރުފިޔާއެވެ. ބާކީ ހިއްސާކުރަނީ އިންޓްރެސްޓް އަދި ފައިދާގެ ގޮތުގައި ލިބުނު 147.4 މިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދެން ލިބިފައިވަނީ ރެޖިސްޓްރޭޝަން އަދި ލައިސެންސް ފީގެ ގޮތުގައި ލިބުނު 291.9 މިލިއަން ރުފިޔާއާއި ޖޫރިމަނާ ކޮށްގެން ލިބުނު 171.7 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 259.8 މިލިއަން ރުފިޔާއެވެ.

ދިވެހި ރާއްޖޭގެ ބަޖެޓު މިއަހަރަށް ފާސްވެގެން ދިޔައިރު ޖުމްލަ ޓެކްސްގެ އާމްދަނީގެ ގޮތުގައި އަންދާޒާކޮށްފައިވަނީ، 16.51 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 5.65 ބިލިއަން ރުފިޔާއެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ދައުލަތުން އަންދާޒާކުރި އާމްދަނީގެ 70 އިންސައްތަ ވަނީ ލިބިފައެވެ.

- ކޮމެންޓް