ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 12:23
ރޯވެފައިވާ ސަރަހައްދު
ރޯވެފައިވާ ސަރަހައްދު
ސީ.އެން.އެން
ސައުދީ އަރަބިއްޔާގެ
ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ދެ ފެސިލިޓީއަކަށް ޑްރޯންގެ ހަމަލާއެއް ދިނުމާއި ގުޅިގެން ތެޔޮ އުފައްދާ މިންވަރު ދަށަށް
ތެޔޮ އުފައްދާ މިންވަރު ގާތްގަނޑަކަށް 5.7 މިލިއަން ފީފާ އަށް ވަނީ ދަށްވެފަ

ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ މައި ތެޔޮ ކުންފުނި, އަރަމްކޯގެ ދެ ފެސިލިޓީއަކަށް ޑްރޯންގެ ހަމަލާއެއް ދިނުމާއި ގުޅިގެން އެ ފެސިލިޓީތަކުން ތެޔޮ އުފައްދާ އިންސައްތަ ދަށަށް ގޮސްފިއެވެ. ދުނިޔޭގެ ވެސް އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ އުފައްދާ އެއް ސެންޓަރަށް ދިން ހަމަލާއާއި ގުޅިގެން ވަނީ ތެޔޮ އުފައްދާ އިންސައްތަ ދަށްވެފައެވެ.

އާދިއްތަ ދުވަހު ސައުދީ އަރަބިއްޔާގެ އެނާޖީ މިނިސްޓަރ ޕްރިންސް އަބްދުލް އަޒީޒް ސަލްމާން ވިދާޅުވީ ސައުދީން ދުވާލަކު ތެޔޮ އުފައްދާ މިންވަރު ގާތްގަނޑަކަށް 5.7 މިލިއަން ފީފާ އަށް ދަށްވެފައިވާ ކަމަށެވެ. ސައުދީން ދުވާލަކު 9.8 މިލިއަން ފީފާ ތެޔޮ އުފައްދާ ކަމަށް އޯޕެކުން މިދިޔަ މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މި ގެއްލުމުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

ޑްރޯން ހަމަލާތަކުގައި އެ ދެ ފެސިލިޓީގައިވެސް އަލިފާން ރޯވެފައިވާ ކަމަށް ސައުދީގެ އިންޓީރިއާރ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނިއެވެ.

ޔަމަންގެ ހޫތީ ރިބެލްސް އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. އެމީހުންނާއި ހަވާލާދީ ސީއެންއެން ގައި ބުނެފައިވަނީ ޖުމްލަ 10 ޑްރޯންއެއް އެ ތެޔޮ އުފައްދާ ފެސިލިޓީތަކަށް ހަމަލާދީފައިވާ ކަމަށެވެ. ޔަމަންގެ ހޫތީ ރިބެލްސް އިން މި ހަމަލާގެ ޒިންމާ ނަގާފައިވާއިރު ޑްރޯން ހަމަލާ ފޮނުވާލީ ޔަމަނުންކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ޑްރޯން ހަމަލާގެ ޒިންމާ އީރާނުން ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ޑްރޯން ހަމަލާ އަކީ ދުނިޔޭގެ ތެލުގެ ސަޕްލައި އަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ޓްވީޓު ކުރައްވާފައެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އަރަމްކޯގެ ފެސިލިޓީއަކަށް ދިން ހަމަލާދީފައިވާއިރު މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ސައުދީގެ ކްރައުން ޕްރިން މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފޯނުން ގުޅުއްވައިގެން މުހައްމަދު ވިދާޅުވީ، ސައުދީ އޮތީ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރުވެފައި ކަމަށާއި ޔަމަނުން ދިން ހަމަލާގެ ބަދަލު ވަރަށް ހިތި ގޮތަކަށް ދޭނެ ކަމަށެވެ.

- ކޮމެންޓް