އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ވަޒީފާ އަދާކުރަން ބޭނުންވާ ދަރިވަރުންނަށް ދެ އަހަރު ދުވަހުގެ ''ވޯކް'' ވިސާ ނުވަތަ މަސައްކަތް ކުރާ ވިސާ ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
މިހާރު ހަދާފައިވާ އުސޫލުގެ ދަށުން ބެޗްލާސް އަދި މާސްޓާސް ނިންމާ ދަރިވަރުންނަށް ކިޔަވައި ނިންމުމަށް ފަހު މަސައްކަތް ކުރެވެނީ ހަތަރު މަސްވަންދެންއެވެ.
އަންނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރުމަށް ފަހު އެ ވިސާއަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދެ އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެވޭނެއެވެ. އެއާއި އެކު ކިޔެވުމަށް ފަހު ދާއިމީ ވަޒީފާތައް ހޯދުމަށް ފުރުސަތު ބޮޑުވެގެން ދާނެއެވެ. ސަރުކާރުން އެހެން ނިންމާފައިމިވަނީ ވޯކް ވިސާއަށް ދޭ ހަތަރު މަސް ހަމަހަށް އިތުރުކޮށްދީ ޕީއެޗްޑީނަގާ ދަރިވަރުންނަށް އެއް އަހަރު އިތުރު ކޮށްދިނުމަށް އިމިގްރޭޝަނަށް އިސްލާހު ހުށައަޅާފައިވަނިކޮށެވެ.
މި އައު އިސްލާހަކީ 2012 ވަނަ އަހަރު އޭރުގެ ސަރުކާރުން އަމަލުކުރަން ހުއްޓާލީ ގަވާއިދެކެވެ. އޭރުގެ ހޯމް ސެކެެރެޓަރީ މޭ ވިދާޅުވެފައިވަނީ ދެ އަހަރުގެ ވޯކްވިސާ އަކީ ''މާ ހެޔޮބޮޑުވުން'' ކަމަށެވެ. އޭރު ގެނައި އިސްލާހުގެ ސަބަބުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ތަކުގައި ކިޔަވާ ބައިނަލްއަގްވާމީ ކުދިންގެ އަދަދު ދަށްވެގެން ދިޔައެވެ. ނިމިގެން ދިޔަ ހަފްތާގައި ޔުނީވާސިޓީސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޖޯ ޖޯންސަން ވަނީ ކިޔަވާ ކުދިންނަށް ދޭ ވިސާ ދެ އަހަރަށް އިތުރުކޮށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ.
އަލަށް ތާއާރަފް ކުރާ އިސްލާހާ އެކު ވަކި އަދަދެއް ނެތް ގޮތަކަށް، އެ ދަރިވަރަކު ކިޔާވާ މާއްދާއަށް ބެލުމެއް ނެތި ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ސަރުކާރުން މައިގަނޑު ބޭނުމަކީ މެތްސް، އިންޖިނިއަރިން އަދި ޓެކްނޮލޮޖީން މޮޅު މާކްސްތައް ހޯދާ ދަރިވަރުން ވަޒީފާގެ ބާޒާރަށް ނެރުމެވެ.