ދެކުނުކޮރެއާގައި ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވި ވަޑައިގެންނެވި ވެރިންގެ ތެރެއިން މަގާމުން ދުރުކުރެވޭ ފުރަތަމަ ރައީސް އަކަށް ރައީސް ޕާކް ގިއުން ހައި ވެވަޑައިގެންފިއެވެ.
ޕާކް ގިއުން ހައި މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުން ނިންމާފައިވާއިރު ކޯޓް މަރުހަލާގައި ފަނޑިޔާރުންގެ ބެންޗުންވެސް އިއްތިފާގުވެފައިވަނީ އެ ނިންމުމަށް ތާއީދުކުރުމަށެވެ.
ޕާކް ވަކިކުރަން ހުށަހެޅީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި ސޫން ސިލް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ އަމަލުތަކެއްގައި އަދާކުރައްވާފައިވާ ދައުރުގެ ސަބަބުންނެވެ.
ޕާކް ގިއުން ހައި ވަކިކުރުމުން އައު ރައީސަކު އިންތިޚާބު ކުރުމަށް އެ ގައުމުން މެއި މަހުގެ ކުރީކޮޅު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
އެކަމަނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވިފައިކަމަށްވާއިރު އެ ކަމަނާގެ މައްޗަށް ދައުވާ ކުރެވޭނެއެވެ.
ޑިސެމްބަރު މަހުން ފެށިގެން ޕާކް ހުންނެވީ މަގާމުން ސަސްޕެންޑް ކުރެވިފައެވެ.
އެ ކަމަނާއާ ހަވާލުކުރެވިފައިވާ ޒިންމާތައް ނަންގަވަމުން ގެންދަވަނީ ބޮޑުވަޒީރެވެ.
ޕާކްގެ ގާތް އެކުވެރިޔާ، ޗޮއިގެ މައްޗަށް ތުހުމަތުކުރެވިފައި އޮތީ ޕާކް މެދުވެރިކޮށް ސަރުކާރުގެ ތެރެއިން ކަންކަން ފަހިކޮށްދޭ ގޮތަށް ބޮޑެތި ކުންފުނި ތަކުން އޭނާ ފައިސާ ހޯދަން އުޅުނު ކަމަށެވެ.
އޭނާގެ މައްޗަށްވަނީ ރިޝްވަތު ދިނުމާއި ކޮރަޕްޝަނުގެ ދައުވާ އުފުލާފައެވެ.
ޕާކްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އޭނާ އާއެކު ސިއްރު އެއްބަސްވުންތަކެއް އޮންނަ ކަމަށެވެ.
ގޯހުން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ދެބޭފުޅުންވެސް ތުހުމަތުކުރައްވައެވެ.
ޕާކް ވަކިކުރަން ޖެހޭފަދަ ސަބަބުތަކެއް ހުރިކަމަށް ނިންމުމުގެ ކުރިން ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުގެ އަށް ފަނޑިޔާރުންގެ ބެންޗުންވަނީ ގިނަ ކަންތައް ތަކަކަށް ވިސްނާފައެވެ.
މައްސަލައިގެ އަޑުއެހުން ކުރިޔަށްދިއައިރު ކޯޓް އިމާރާތުގެ ކައިރިއަށް އެތައްބަޔަކުވަނީ އެއްވެފައެވެ.
ލީކުވެފައިވާ ލިޔެކިއުންތަކުން ފެންނަން ހުރިގޮތުގައި ދައުލަތުގެ ކަންކަމުގެ ތެރެއަށް ޗޮއި ވެއްދިފައިވާކަން ފެންނަން ހުރި ކަން ފަނޑިޔާރުންވަނީ ފާހަގަކުރައްވާފައެވެ.
ދުސްތޫރީ ކޯޓުގެ އިސްފަނޑިޔާރު ވިދާޅުވީ އެކަމަނާގެ އަމަލުތަކުން ޑިމޮކރަސީގެ ރޫހު ގެއްލި ގާނޫނުގެ ބާރު ކަނޑުވާލެވިފައިވާކަމަށެވެ.