ދިވެހި ރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަނުން އެ ކުންފުނީގެ އާ ޓިކެޓް އޮފީހެއް އެސްޓީއޯ ސިޓީ ސްކްޔާގައި ހުޅުވައިފިއެވެ.
މޯލްޑިވިއަންގެ އާ ޓިކެޓް އޮފީސް ހުޅުވާފައިވަނީ އެ ކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފުންނެވެ.
އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުންފުނީގެ ހިދުމަތް ފުޅާކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުވިގެން ދިޔަ އޮފީހުގެ ސަބަބުން މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
ރިޒްވީ އިތުރަށް ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓިކެޓިން ހިދުމަތް ލިބޭނެ މޯބައިލް އެޕްލިކޭޝަނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
މޯލްޑިވިއަނުން އެ ކުންފުނީގެ އާ ޓިކެޓް އޮފީސް ހުޅުވިއިރު އެކުންފުނިން ދަނީ ޗައިނާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
މޯލްޑިވިއަން އިން ދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ވެސް އެ އެއާރލައިނުން ދަތުރުތައް ކުރެއެވެ.