މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ އެންމެ ހަގު ފިރިހެން ދަރިފުޅު ހާޓްއެޓޭކެއް ޖެހިވަޑައިގެން ކައިރޯ ހޮސްޕިޓަލް ގައި އަވަހާރަވެއްޖެއެވެ.
20 ގެ އަހަރުތައް ގުނަމުންދާ އަބްުދުﷲ މުރުސީ އަވަހާރަވެފައިވަނީ ބުދަ ދުވަހު މިސްރުގެ ދެކުނު ހުޅަނގުގެ ވެރިރަށް ގިޒާގެ އޯސިސް ހޮސްޕިޓަލުގައެވެ. މުރުސީގެ އާއިލާއިން އިން ވަނީ އަބްދުﷲ އަވަހަރާވިކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. އޭނާގެ މަރާ ގުޅޭ ގޮތުން މިސްރުގެ ހެލްތް މިނިސްޓްރީން އަދި އެއްޗެއް ނުބުނެއެވެ.
މުރުސީގެ ދެވަނަ ދަރިފުޅު އަދި އަބްދުﷲގެ ކޮއްކޯފުޅު އަހުމަދު ވިދާޅުވީ، ކާރު ދުއްވަމުން ދަނިކޮށް އަބްދުﷲގެ މެއަށް ކުއްލި ތަދެއް އެރި ކަމަށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެހެން ނަމަވެސް ޑޮކްޓަރުންނަށް އޭނާ ސަލާމަތް ނުކުރެވުނު ކަމަށެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގައި އަބްދުﷲ ވަނީ އެތައް ފަހަރެއްގެ މަތިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައެވެ. ޑްރަގް ބޭނުންކުރި ކަމުގެ ދައުވާ އަބްދުﷲ މައްޗަށް މީގެ ކުރެވުނު ނަމަވެސް ފަހުން އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި އެ ތުހުމަތުތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާއެއް ނޫން ކަމަށް މިސްރުގެ ގާނޫނީ ފަރާތްތަކުން ވަނީ ބުނެފައެވެ.
މުރުސީގެ ދަރިންގެ ތެރެއިން އަބްދުﷲ އަކީ އެންމެ ބޮޑަށް މިސްރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވި އެއް ބޭފުޅާއެވެ. މުރްސީ ޖަލުގައި ހުންނެވި އިރާއި އެމަނިކުފާނުގެ ޝަރިޔަތް ކުރިޔަށް ދިޔައިރު އަބްދުﷲ ހުންނެވީ އަބަދުވެސް ބައްޕާފުޅަށް އެހީތެރިވާށެެވެ.