ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ އެނބުރި ރާއްޖެވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ސެޕްޓެމްބަރު 26 އިން 28 އަށް ތައިލެންޑުގައި ކުރިއަށްދިޔަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އަދި ސްރީލަންކާއަށް ސެޕްޓެމްބަރު މަހުގެ 29 އިން 30 އަށް ކުރެއްވި ދަތުރުފުޅަކީ ސްރީލަންކާ އަސްކަރިއްޔާގެ އާމީ ކޮމާންޑަރގެ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ޚާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ދަތުރުފުޅުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސްރީލަންކާގައި ކުރިއަށް ދިޔަ "ދަ ކޮލަމްބޯ ޑިފެންސް ސެމިނަރ 2019" ގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް މި ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު، ސްރީލަންކާގެ އަސްކަރިއްޔާގެ މައި މަރުކަޒަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ސްރީލަންކާ އާރމީގެ ފަރާތުން ވަނީ ޝަރަފު ގާޑެއް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ.