ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީގޮތެއް އަދި ވީތަނެއް އަދިވެސް ގެއްލިފައިވާ މީހުންނާ މަރުތައް ބަލާ ކޮމިޝަނަށް، އާއިލާއަށް ބުނެދެވިފައި ނުވާކަމަށް ރިލްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނެފިއެވެ.
ރިލްވާންގެ މަސައްކަތްތައް ދައްކުވައިދޭ ފޮތް، "ރިލްވާން ދެއްކި ވާހަކަތައް" ލޯންޗްކުރުމަށް ބޭއްވި ހަފްލާއަށް ފަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ޝެހެނާޒް ބުނީ ރާއްޖޭގެ ކޯޓުތައް ހަމައަކަށް ނާޅުވާ މަޖިލިސް ޗުއްޓީއަށް ދާން އުޅޭތީ ވަރަށް ހިތާމަ ކުރާ ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދެނީ ކޯޓުގެ ކަންތައްތައް ހަމައަކަށް ނާޅުވާ މަޖިލީސް ޗުއްޓީއަށް ނުދިއުމަށް ކަމަށެވެ. އަދި މިވަގުތު މަޖްލިސް ޗުއްޓީ އަށް ގޮސްފިނަމަ އެއީ އާއިލާއަށް ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމުގައެވެ.
ޝެހެނާޒް އިތުރަށް ބުނީ، ރިލްވާން ގެއްލުނުތާ މިހާރު ފަސް އަހަރު ވެފައިވާކަމަށާއި އަދިވެސް ސަރުކާރަށް އާއިލާއިން ބޭނުންވާ ޖަވާބުތައް ނުދެވޭކަމުގައެވެ.
"ރިލްވާން ދެއްކި ވާހަކަތައް"، މި ފޮތުން އޭނާ ދައްކާފައި ހުރި ވާހަކަތައް ފެނިގެންދާނެ ކަމަށެވެ. އަދި މީހުން ދައްކާ ވާހަކަތަކަކީ ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫންކަމަށާއި ރިލްވާން އަކީ ދީނަށް ފުރައްސާރަކުރާ ކުއްޖެއް ނޫންކަމަށާއި މި ހުރިހާ ވާހަކަތަކަކަށް ވެސް މި ފޮތް ކިޔާލުމުން ނިމުމެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.
ފޮތް ނެރުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވާ މޯލްޑިވްސް ޑިމެކްރަސީ ނެޓްވޯކަށާއި ރިލްވާނަށް އިންސާފު ހޯދާދެން މަސައްކަތްކުރާ ހުރިހާ ކުދިންނަށާ ނޫސްވެރިންނަށް ޝެހެނާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.
އޮގަސްޓް މާހުގެ އަށް ވަަނަ ދުވަހު ގެއްލުވާލާފައިވާ މީހުންނާ މަރުތައްބަލާ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވަނީ ރިލްވާންގެ މައްސަލާގައި ކޮމިޝަނަށް ލިބިފައިވާ މައުލޫމާތު ތަކަކީ ސައްހަ މައުލޫމާތުތޯ ބަލާ ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތައް އާއިލާއާ ހިއްސާކޮށްފައި ވާނެކަމުގައެވެ. އަދި އެކަން ކުރި ޓެރަރިސްޓް ގްރޫޕްގެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަސް ހެކި ލިބިފައިވާ ކަމަށާ ކޮމިޝަނުގެ ވިސްނުމަކީ އޮގަސްޓް މަހުގެ ފަހު ކޮޅު މައުލޫމާތުތައް ހިއްސާކުރުން ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް މަސް ނިމެން އެންމެ ދުވަހަކަށް ވެފައި ވާއިރު، ކޮމިޝަނުގެ ފަރާތުން އަދި މި މައުލޫމާތުތައް ހިއްސާ ކޮށްފައެއް ނުވެއެވެ.