Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 13:20
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
މާތް ﷲ އަށް ވަކީލު ކުރުމަކީ ވަކީލު ކުރުމަށްފަހު ދެއަތް އުރާލައިގެން ހުރުމެއް ނޫން: ޚުތުބާ
ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭ
ﷲ ގެ ހަޟްރަތުން ރައްކާތެރިކަން އެދެންޖެހޭ
ހެއު މަގަށް ރުޖޫއަވުންވެސް ހިމެނޭ

މާތް ﷲ އަށް ވަކީލު ކުރުމަކީ ވަކީލު ކުރުމަށްފަހު ދެއަތް އުރާލައިގެން ހުރުން ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މި މައުޟޫގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ހުކުުރު ޚުތުބާގައި ބުނީ، ހިޖުރީ އައު އަހަރެއް ފެށިގެން އަންނަ އިރު، ހިޖުރައިގެ ހާދިސާއިން އިބުރަތް ލިބިގަންނަންޖެހޭ ކަމަށާއި، އެގޮތުން އެ ހާދިސާއިން ލިބޭ އެންމެ ބޮޑު އެއް އިބުރަތަކީ ކަންކަމުގައި މާތް ﷲ އަށް ވަކީލު ކުރުމުގެ މުހިއްމުކަން ކަމަށެވެ.

Advertisement

އެގޮތުން އެއްވެސް ހާލެއްގައި މާތް ﷲ އަށް ވަކީލު ކުރުމަށްފަހު ދެއަތް އުރާލައިގެން ތިބެގެން ނުވާނެ ކަމަށާއި އެއީ ﷲ އަށް ވަކީލު ކުރުން ނޫން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ވަކީލު ކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނެކަމަށް އުއްމީދުކުރުން ކަމަށާއި، ކީރިތި ރަސޫލާވެސް އަމަލުކުރެއްވީ އެގޮތަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މާދަމާ ހިޖުރީ އައު އަހަރެއް ފެށިގެންދާއިރު، ރަސޫލާ މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން ހިޖުރައިގެ މާނައަކީ ތިމާގެ ވަޒަން ދޫކޮށް އެހެން ތަނަކަށް ދިއުމަށްވުރެ ފުޅާ މާނައެއް އެކުލެވޭ ކަމެއް ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންކަން ދޫކޮށް ހެއު މަގަށް ރުޖޫއަވުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ކީރިތި ރަސޫލާގެ އަރިހުގައި މީހަކު ސުވާލެއް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިހެއްޔެވެ ؟ ރަސޫލާ ހަދީޘް ކުރެއްވިއެވެ. އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތަކާ ދުރުހެލިވުމެވެ.
އަބްދުﷲ ބުން ޢަމްރުގެ އަރިހުން ރިވާވެގެންވާ ހަދީޘެއް

އޭގެ އިތުރުން، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ކެތްތެރިވުމަށާއި، އީމާންކަންމަތީ ސާބިތުވެ ތިބުމުގެ މުހިއްމުކަމަށް ޚުތުބާގައިވަނީ އަލިއަޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް