ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 18:02
ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް" އިންޓާސެޕްޓާސް އަދި 2013 ގައި ޓެސްޓުކުރެވުނު މިސައިލެއް
ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް" އިންޓާސެޕްޓާސް އަދި 2013 ގައި ޓެސްޓުކުރެވުނު މިސައިލެއް
ގޫގުލް
ދެ ކޮރެއާގެ ހަމަނުޖެހުން
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓު ކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ވަނީ ހުށަހަޅުއްވާފަ

ދެ ކޮރެއާ ސަރަހައްދުގައި ހަލަބޮލިވެފައިވާ މަޝްރަހު ފިނިކުރުމަށްޓަކައި ޗައިނާ އިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން އިންކާރުކޮށްފިއެވެ.

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓު ކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ހުށަހެޅުއްވިއިރު، އޭނާ އިތުރަށް ވިދާޅުވީ އޭރުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތައް ހުއްޓާލެވިދާނެ ކަމަށެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކަކީ އުތުރު ކޮރެއާ އިން ވަަރަށް ހިތްހަަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެެވެ.

ޗައިނާގެ ހުށަހެޅުމަށް އިންކާރުކޮށް އެމެރިކާއިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ އާރް. ހެއިލީ ވިދާޅުވީ ޗައިނާ އިން ހުށަހެޅި ކަންކަމަށް ސީރިއަސްކޮށް ވިސްނުމުގެ ކުރިން، އުތުރު ކޮރެއާ އިން "ޕޮޒިޓިވް" ކަންތައްތަކެއް ފެންނަން ޖެހޭ ކަމަށެވެ. ދެ ކޮރެއާގެ ހޫނުވެފައިވާ މައްސަލައާއި ބެހޭގޮތުން ނިއުޔޯކްގައި ބޭއްވުނު އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށްފަހު ރިޕޯޓަރުންނަށް ޗައިނާގެ ހުށަހެޅުމާއި ބެހޭގޮތުން އެމެރިކާ އިން ދެކޭގޮތް ހާމަކުރިއިރު، ރިޕޯޓަރުންނާ ވަނީ ޗައިނާގެ ހުށަހެޅުމާއި ބެހޭގޮތުން ދެކުނު ކޮރެއާ ދެކޭގޮތްވެސް ހާމަކޮށްފައެވެ. އެގޮތުން ދެކުނު ކޮރެއާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ޗޯ ޓެއި-ޔުލް ވިދާޅުވީ "މިއީ އުތުރު ކޮރެއާ އާއި މެދު މަޝްވަރާ ކުރުމުގެ" ވާހަކަދައްކަން ޖެހޭ ވަގުތު ނޫން ކަމަށެވެ.

އުތުރު ކޮރެއާ އިން ވަނީ ހޯމަ ދުވަހު ހަަތަރު މިސައިލެއް ޓެސްޓުކޮށްފައެވެ. ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ.

- ކޮމެންޓް