ކުރިއަށްއޮތްތަނުގައި ދިމާވާނެ ހާދިސާއަކުން ސަލާމަތްވުމަށް އުތުރު ކޮރެއާ އިން މިސައިލް ޓެސްޓު ކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާ އިން ހުށަހަޅައިފިއެވެ.
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓު ކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ހުށަހެޅުއްވިއިރު، އޭނާ އިތުރަށް ވިދާޅުވީ އޭރުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތައް ހުއްޓާލެވިދާނެ ކަމަށެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކަކީ އުތުރު ކޮރެއާ އިން ވަަރަށް ހިތްހަަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެެވެ.
ޗައިނާ އިން އުތުރު ކޮރެއާ އަށް ހުށަހެޅުންތަކެއް ހުށަހެޅިއިރު، އުތުރު ކޮރެއާ އިން ވަނީ ހޯމަ ދުވަހު ހަަތަރު މިސައިލެއް ޓެސްޓުކޮށްފައެވެ. ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ އުތުރު ކޮރެއާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ ޗައިނާގެ އެނުއަލް ޕާލިމަންޓްރީ މީޓިންގައެވެ.