އަންހެނުންގެ ހައްގުތައް ނުލިބޭ ވާހަކަ އާއި އަންހެނުންނަށް އެމީހުންނަށް ލިބޭންޖެހޭ ހައްގުތައް ހަނިކުރުމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގައި އަންހެނުންގެ ހައްގުތަކުގެ ވާހަކަ ތަކުރާރުކުރާކަށް ނެތީމެވެ. އެެހެން ނަމަވެސް އަންހެނުންގެ ދުވަސް ފާހަގަކުރަންޖެހެނީ ކީއްވެގެންތޯ ބަލާލަންޖެހެ އެވެ.
އަންހެނުންގެ ހައްގުތަކުގެ ވާހަކަދައްކާ އިރު މުޖުތަމައުގައި އެންމެ ގިނައިން ޚާއްސަކޮށް ފިރިހެނުން އުފައްދާ ސުވާލަކީ އަންހެނުންގެ ދުވަސް ފާހަގަކުރާ އިރު ފިރިހެނުންގެ ދުވަސް ވާހަކަ ނުކުރަނީ ކީއްވެގެންތޯ އެވެ. އަންހެނުން ނެކޭ އެއްފަަދައިން ފިރިހެނުންގެ ވެސް އެތަށް ހައްގުތަކެއް ގެއްލިގެންދާ ކަމަށް އެފަަދަ ފަރާތްތަކުން ބުނެއެވެ.
އަންހެނަކަށް އެންމެ އެކަށޭނެ ވަޒީފާގެ ފުރުސަތުތައް ނެތް ވާހަކަ ދައްކާ އިރު ފިރިހެނުންނަށް ވެސް ވަޒީފާގެ ފުރުސަތުތައް އެންމެ އެކަށޭނަ ގޮތުގައި ބައެއް ފަހަރު ނުލިބޭ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެެވެ. މިސާލަކަށް ޕާސަނަލް ސެކެޓްރީންނަށް ފިރިހެނުންނަށް ވުރެ އަންހެނުންނަށް ފުރުސަތުތައް އޮތުމާއި، ބައެއް ފަހަރު ފިހާރަތަކުގައި މަސައްކަތް ކުރުމަށް އަންހެނުން އެކަނި ބޭނުންވާ ކަަމަށް ޖަހާފައި ހުރުން ފަދަ ކަންކަމަކީ މި ކުޑަ ކުޑަ މުޖުތަމައުން ވެސް ފެންނަމުންދާ މަންޒަރުތަކެވެ.
އޭގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެނުންނާއި، ޖިންސީ އަނިޔާތަކާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ފިރިހެން ކުދިންނަށް ވެސް ލިބޭ މަންޒަރު މި މުޖުތަމައުން ވެސް ފެނެ އެވެ. އެހެން ނަމަވެސް އެވާހަކަތައް ދައްކާލެއް އަޑު މަޑުވި ނަމަވެސް އެމީހުންނަށް އަނިޔާ ނުލިބެއެކޭ ނުބުނެވޭނެ އެވެ.
މިއީ އެއްވެސް ހާލެއްގައި އެކަމާ ދެކޮޅު ހެދޭނެ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ފިރިހެނުންނަށް ލިބޭ އަނިޔާތަކަށް ވުރެ އަންހެނުންނަށް ލިބޭ އަނިޔާގެ ވާހަކަ ދައްކާލެއް ގިނަވަނީ ކީއްވެތޯ، މިއީ އެފަދަ ފަރާތްތަކުން އަމިއްލަ އަށް ވެސް ބަލާލަން ޖެހޭ ކަމެކެވެ. މިކަން ސާފުކޮށްގެން މަސައްކަތް ކުރާނަމެެވެ.
މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް ލިބޭ އަނިޔާ ބޮޑެވެ. އެކި ކަހަލަ ކަންކަމުގައި ވިކްޓިމައިޒް ވާ އަންހެނުން މާ ގިނަ އެވެ.
އަންހެނުންނަކީ ނުވިސްނޭ، ކަންކަމުގައި ރަގަޅު ނިންމުން ނިންމޭ ބައެއް ނޫން ކަަމަށް ގަބޫލު ކުރާ މީހުން މި މުޖުތަމައުގައި ވެސް އުޅެއެވެ. އަންހެނަކަށް ވީތީ އެމީހަކަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ އިތުރުން، މަލާމާތް ކުރުމަކީ އާ މަންޒަރެއް ނޫނެވެ. އަދި އެގޮތަށް ވިސްނުމަކީ މާބޮޑު މައްސަލައެއް ކަމަށް ވެސް ގިނަ ފަހަރު ގަބޫލު ނުކުރެވެ އެވެ.
އަންހެނަކަށް ވީތީ އެމީހާގެ އަބުރު މާ ފަސޭހައިންް ކަތިލެވެ އެވެ. މިސާލަކަށް އަންހެނަކަށް މަތީ މަގާމެއް ލިބިއްޖެ ނަމަ އެއީ އެމީހާގެ ގާބިލް ކަމުން ލިބުނު ވަޒީފާއެއްގެ ގޮތުގައި ގަބޫލުކުރާ މީހުން މި މުޖުތަމައުގައި ވެސް ވަރަށް މަދެވެ. އަދި އެ މަގާމެއް ލިބުނީ ނުފޫޒުންނާއި، އަމިއްލަ އަށިގަނޑު ވިއްކައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތައް މަދެއް ނޫނެވެ.
މިއީ މި ކުޑަ ކުޑަ މުޖުތަމައުގައި ވެސް ވަރަށް އާއްމު ވާހަކަހެވެ. މިފަދަ ވާހަކައެއް ދައްކާ އިރު އެއްވެސް ވަރަހަކަށް އަރައިގަނެވެނީ މީހެއްގެ އަބުރަށް ކަމެއް ދައްކާ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. އަދި އެފަދަ ވާހަކައަކާ ދެކޮޅަށް ވަކާލާކު ކުރާ މީހުން ވެސް މަދެވެ.
އެހެން ނަމަވެސް އޮފީހެއްގެ މަތީ މަޤާމެއް، ފިރިހެނަކަށް ލިބިއްޖެ ނަމަ އެ ވަޒީފާއަކީ އެމީހެއްގެ ގާބިލް ކަމުން ލިބުނު ވަޒީފާއެއް ކަމަށް ގަބޫލުކޮށް އޭނާ އަށް މަޤާމު ލިބުނީ ނުފޫޒުން ކަމަށް ސުވާލު އުފައްދާ މީހުން މަދެވެ.
އަންހެނަކު މަގުމަތިންދާ އިރު ފުރައްސާރަކޮށްފި ނަމަ އެމީހަކު އަޅައިގެން ހުރި ހެދުމާ މެދު ސުވާލު އުފައްދައި، ބޭރަށް އެކަނި ދިޔަކީ ކީއްކުރަންތޯ ސުވާލު އުފައްދަ އެވެ. އެހެން ނަމަވެސް ފިރިހެނަކު ކަކުލުން މަތިން ފައިގެ ފަލަމަސްގަނޑު ފެންނަ ވަރުގެ ސޯޓެއްގައި ހަށިގަނޑުގެ ބޮޑު ބައި ނިވާ ނުވާ ހާލަތުގައި ހުއްޓަސް އެކަމާ މެދު ސުވާލުކޮށް ހައިރާންވެގެން އެއްވެސް މީހަކު ނޫޅެއެވެ. އޭނާގެ ކެރެކްޓާއާ މެދު ސުވާލެއް ނުކުރެއެވެ.
އަންހެނުންގެ އިއްފަތްތެރިކަމާ މެދު ވެސް މުޖުތަމައުގައި ދެކޭ ގޮތް ވަރަށް ތަފާތެވެ. ވަރަށް ފަހުން ދިމާވި ކަމެއް މިސާލަކަށް ނަގަމާ ހެއްޔެވެ. ދާދި ފަހުން ހުޅުމާލޭގައި އަންހެން ކުއްޖަކު ރޭޕްކުރި ޚަބަރު ފެތުރިގެން ދިޔައެވެ. މީޑިއާތަކުން ލިޔެފައިވާ ޚަބަރުތަކާއި ސޯޝަލް މީޑިއާގައި އެ ޚަބަރާ ގުޅިގެން ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތަކަށް އެކަނި ބަލައިލި ނަމަވެސް މުޖުތަމައުގައި އަންހެނުންނާ މެދު ދެކޭ ގޮތް ވަރަށް ސާފުވާނެއެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެ އަންހެން ކުއްޖާ ރޭޕްގެ ޝިކާރައަކަށްވީ އެ ތަނަށް އޭނާ ދިޔުމުން ކަމަށެވެ. ނުވަތަ އެފަދަ ގޮތަކަށް ބޭރަށް ނުކުމެ އުޅޭ ނަމަ ވާނީ އެހެން ކަމަށެވެ. އަންހެންކުއްޖާގެ ކެރެކްޓާއާ މެދު އެ ކޮމެންޓްތަކުގައި ސުވާލު އުފައްދާފައިވާ އިރު އެކަން ކުރި ފިރިހެނުންގެ ކެރެކްޓާ ނުވަތަ ތަރުބިއްޔަތާ މެދު ސުވާލު ކުރި މީހުން މަދެވެ.
މިއީ ވިސްނުމުގައި ހުރި ތަފާތެވެ. އަންހެނަކަށްވީތީ އެމީހާއަކީ މަޑުން މަޑުމައިތިރިކޮށް، ތިބެންޖެހޭ ބައެއްގެ ގޮތުގައި ގަބޫލު ކުރެވެނީއެވެ. ދިމާވާ ހިޔާލު ތަފާތުވުންތަކުގައި އަޑު އުފުލައި، ހަޑިހުތުރު ބަހުން އަންހެނަކު މުއާމަލާތް ކޮށްފި ނަމަ އެއީ ވަރަށް ލަދު ހަޔާތްކުޑަ މީހަކަށް ވެެއެވެ. އެހެން ނަމަވެސް ފިރިހެނެއް އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ގަޓުހުރި ފިރިހެނެއްގެ ގޮތުގައި ސިފަކުރެވެއެވެ.
މީގެ އިތުރުން އަންހެނަކު ސިގިރޭޓް ބުއިމަކީ ވެސް އެ މީހާގެ ކެރެކްޓާއާ މެދު މުޖުތަމައުއިން ސުވާލު އުފައްދާ ކަމެކެވެ. އެއީ ރަނގަޅު ކަމެކޭ ބުނަނީކީ ނޫނެވެ. ނަމަވެސް މުޖުތަމައުގެ ތެރޭގައި ސިނގިރޭޓް ބޯން ހުންނަ އަންހެނަކާއި ފިރިހެނަކާ ހާސް ބައި ތަފާތެވެ. ދެމީހުންގެ ތެރެއިން ސުވާލު އުފައްދަނީ އަންހެނާގެ އަހްލާގާ މެދުއެވެ. ނަމަވެސް ހަގީގަތަކީ، ފިރިހެނެއް ވިޔަސް އަންހެނެއް ވިޔަސް ގޯސްކަމެއް ވާނީ ގޯސް ކަމަކަށެވެ. މިއީ ވިސްނުން ބަދަލުކޮށްގެން ހައްލު ކުރަންޖެހޭ ކަންކަމެވެ.
ދުނިޔޭގެ ނިސްބަތުން މަސައްކަތުގެ މައިދާނުގައި އަންހެނުން 50 ޕަސެންޓް ހިއްސާކުރާ އިރު 76 ފިރިހެނުން މަސައްކަތުގެ މައިދާނުގައި އުޅެއެވެ. ވަޒީފާ އަދާ ކުރުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ފިރިހެނުންނަށް ވުރެ މާ ގިނަ ކަން މިކަމުން ވެސް އެނގެއެވެ.
އައިލާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާއަކީ ފިރިހެނުން ވެސް އަންހެނުން ވެސް ނަގަންޖެހޭ ޒިންމާއެއް ކަމަކަށް ވިޔަސް އައިލާގެ ކަންކަން އަމަލީ ގޮތުން ކުރުމުގައި އަންހެނުން ކުރާ މަސައްކަތްތައް މާ ގިނަ އެވެ. ދެ މީހުން ވަޒީފާ އަށް ދިޔަޔަސް ދަރިންގެ ކަންކަން ބަލަހައްޓައި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމުގެ ޒިންމާ ވެސް އޮންނަނީ އަންހެން މީހާ އަށެވެ. ނަމަވެސް މަސައްކަތުގައި ދެ މީހުން އެއްވަރަކަށް ވަގުތު ހޭދަކުރިޔަސް ގޭތެރޭގެ މަސައްކަތާ ޖެހުމުން އެކަން އަންހެނުންގެ ފަޅިއަށް އަބަދު ވެސް އޮންނަނީ ބުރަވެފައެވެ،
އަންހެނުންގެ ދުވަސް ފާހަގަކުރުމާއި އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި އަންހެނުން އެކަނި ކުރަންޖެހޭ ކަމެއް ވެސް ނޫނެވެ. އަދި އަންހެނުންގެ ހައްގުތަކުގެ ވާހަކައާ އެއްވަރަށް ފިރިހެނުންނަށް ކުރާ އަނިޔާތަކާއި ފިރިހެނުންނަށް ބައެއް ވަޒީފާތައް އަދާކުރުމުގައި ހަނި ފުރުސަތުތަކެއް އޮތް ވާހަކަ އަކީ ވެސް ހަމަ ދައްކަންވީ ވާހަަކަ އެެވެ.
މިފަދަ ދުވަހެއް ފާހަގަކުރަނީ އެއްވެސް ހާލެއްގައި ވަކިން ޚާއްސަ ހައްގުތަކެއް އަންހެނުންނަށް ހޯދައިދިނުމުގެ ބަދަލުގައި މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ހޯދައިދިނުމަށެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް އިންސާނުންނަށް ވީތީ ލިބެންޖެހޭ އިހްތިރާމާއި، ދިރިއުޅުމުގެ ފުރުސަތު ލިބެންޖެހެ އެވެ. ހަގީގަތަކީ އެއްވެސް މީހަކަށް އެމީހެއްގެ ދިރިއުޅުމުގެ ހައްގު ގެއްލިގެން ގޮސްފިނަމަ އެވާހަކައަކީ އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް ދައްކަން ޖެހޭ ވާހަކައެއް ކަމެވެ.