ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ބުނީ ޖުލައި މަހު މީރާއަށް 2.16 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށާއި، މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %1.3 އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %1.3 ދަށް އަދަދެއް ކަމަށް މީރާ އިން ބުންޏެވެ.
ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. ނަމަވެސް، މިއަހަރުގެ ޖުލައިމަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އަދި ބީޕީޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިވާ މިންވަރު އަންދާޒާ ކުރި މިންވަރަށްވުރެ ދަށްވެފައިވުން ކަމުގައި މީރާއިން ހާމަކުރެއެވެ.
ޖުލައި 2019 ގައި އެއޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީއެވެ. އެއީ %40.5 ނުވަތަ 873.71 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. އެއީ %23.7 ނުވަތަ 510.73 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ކުލީގެ ގޮތުގައި 436.10 މިލިއަން ރުފިޔާ %20.2، ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 67.31 މިލިއަން ރުފިޔާ %3.1، އެރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 50.17 މިލިއަން ރުފިޔާ %2.3 އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 220.79 މިލިއަން ރުފިޔާ %10.2 ހިމެނެއެވެ.
ޖުލައި 2019ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 50.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.