ޓަގު ބޯޓެއްގައި ފިިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިންޑިއާއިން ހައްޔަރު ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ ޓަގް ބޯޓުގައި ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.
އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މިނިވަން ނޫސް އެޖެންސީއެއް ކަމަށްވާ އައިއޭއެންއެސް އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހިފަހައްޓާފައިވާއިރު، ސެންޓްރަލް ގަވަރމަންޓް އޭޖެންސީން އަދިވެސް ދަނީ އަދީބާ ސުވާލުކުރަމުންނެވެ. އެގޮތުން އަދީބު އަދިވެސް ހުންނެވީ ޓަގް ބޯޓުގައި ހިފަހައްޓާފައި ކަމަށް އެ ނޫހުން ރިޕޯރޓްކޮށްފައިވެއެވެ.
Former Vice President of #Maldives #AhmedAdeeb is still in the tug boat near #Thoothukudiport with central government agencies questioning him, said officials in the district administration and police on August 2.
— IANS Tweets (@ians_india) August 2, 2019
Photo: Ahmed Adeeb pic.twitter.com/2rESQWrtuL
ކުރީގެ ނައިބް ރައީސް އަދީބު ފިއްލަވަން މަސައްކަތް ކުރައްވާފައިވާއިރު، ޝަރީއަތަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި ހިފަހައްޓާފައިވާ ކަމަށާއި، އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާއިމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައިވެސް ބުނެފައިވެއެވެ.
އަދީބުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ހައިކޯޓުން ބާތިލްކޮށް އޭނާ މިނިވަންވެފައިވީ ނަމަވެސް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އުސޫލުތަކާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެކޯޓުން ވަނީ އަމުރު ކޮށްފައެވެ.