ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 17:24
2015ގައި ކޮކަން ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ވެސް ގިނަ ބަޔަކު މަރުވި
2015ގައި ކޮކަން ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ވެސް ގިނަ ބަޔަކު މަރުވި
އަޒުމޫން އަހުމަދު
މިޔަންމާ
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
މިޔަންމާ ސިފައިންނާ ދެކޮޅަށް ކޮކަން ރީޖަންގައި 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި، މިޔަންމާގެ އަސްކަރިއްޔާ އާއި އަދި ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 30 މީހަކު މަރުވެއްޖެއެވެ.

މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެގައުމުގެ ޝާން ސްޓޭޓުގެ ކޮކަން ރީޖަންގެ ޓައުނެއްގައި ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ހަނގުރާމަވެރިން ކުއްލި ގޮތަކަށް ހަމަލާދީފައިވާ ކަމަށެވެ.

މިޔަންމާގެ ސްޓޭޓް ކައުންސެލާ، އަން ސަން ސޫކީގެ އޮފީހުން ބުނެފައިވަނީ، ފުލުހުންގެ ޔުނިފޯމްގައި ތިބެ މިޔަންމާ ފުލުހުންނާއި ސިފައިންގެ ޕޯސްޓްތަކަށް ހޯމަދުވަހު ކުއްލި ހަމަލާ ދިނީ މިޔަންމާ ނޭޝަނަލިޓީސް ޑިމޮކްރަޓިކް އެލަޔަންސް އާރމީގެ ހަނގުރާމަވެރިން ކަމަށެވެ. މީގެ އިތުރުން އެ އޮފީހުން ބުނީ މަރުވި މީހުންެގެ ތެރޭގައި މަދުވެގެން ފަސް އާންމުން ހިމެނޭ ކަމަށާއި އަދި ފަސް ފުލުހަކު ވެސް ހިމެނޭ ކަމަށެވެ. އަދި "އަންދާލާފައިވާ" 20 މީހެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.

މިޔަންމާ ސިފައިންނާ ދެކޮޅަށް ކޮކަން ރީޖަންގައި 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހަމަލާތަކުގައި ދެފަރާތުން މިހާތަނަށް އެތައް ބަޔަކު މަރުވެފައި ވެއެވެ.

- ކޮމެންޓް