މޯލްޑިވްސް ވިމަންސް ރަން 2019 ގެ ތިންވަނަ އެޑިޝަން އޮގަސްޓް މަހު ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފިއެވެ.
މޯލްޑިވްސް ވިމަންސް ރަން އަކީ އެންރޭންޖް ކުންފުނީގެ ފަރާތުން ބާއްވާ ހަރަކާތެކެވެ. މީގެ ކުރިން އެންރޭންޖްގެ ފަރާތުން ވަނީ މި ރަންގެ ފުރަތަމަ އަދި ދެވަނަ އެޑިޝަން މިއަހަރުގެ މާރޗް މަހު ހުޅުމާލޭގައި އަދި ޖުލައި މަހު ޅ. ހިންނަވަރުގައި ބާއްވާފައެވެ. މި ރަންތަކަށް ވެސް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ހުޅުމާލޭގައި ބޭއްވި ރަންގައި 2000 މީހުން ބައިވެރިވިއިރު ހިންނަވަރުގައި ބޭއްވި ރަންގައި 300 މީހުން ވަނީ ބައިވެރިވެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެންރޭންޖްގެ މަސްއޫލުވެރިޔާ ނާޒިޔާ މުހައްމަދު ވިދާޅުވީ ހޯރަފުށީގައި ބާއްވާ ރަންގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރަން އޮންނާނީ އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރު 04:30 އިން 06:00 އަށް ކަމަށް ނާޒިޔާ ވިދާޅުވިއެވެ.
އެހެން ރަންތަކާއި ހިލާފަށް މި ރަންގައި ފީއެއްގެ ގޮތުގައި 100ރ ގެ ފީއެއް ނަގަނީ ނިންމާފައިވާކަން ފާހަގަކުރައްވާ ނާޒިޔާ ވިދާޅުވީ ރަންގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ޓީޝާޓް، ބިބް އަދި މެޑަލް ވެސް ލިބިގެންދާނެ ކަމަށެވެ.
މި ރަންގައި އުމުރުން 4 އަހަރުން މަތީގެ ކުދިންނަށާ، އަންހެނުންނަށް ބައިވެރިވެވޭއިރު، ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް ރަންގައި ބައިވެރިވެވޭނެއެވެ.
މިކަހަލަ ރަންއެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި އަންހެނުން ބާރުވެރިކުރުން ކަމަށް އެންރޭންޖް އިން ފާހަގަކުރެއެވެ. އަންނަ އަހަރުގެ މާރޗް މަހު ހުޅުމާލޭގައި ބޮޑު ރަން އޮންނާނެ ކަމަށް އެންރޭންޖް އިން މައުލޫމާތުދެއެވެ.