ކުޑަކުދިންގެ ނާޖާއިޒު މަންފާ ނެގުން ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފަށައިފިއެވެ.
ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ރިޔާސަތުން ހުށައަޅާ ކަމެއްގެ ގޮތުގައި މި ހުށައެޅުން ހުށައެޅުއްވީ ކޮމިޓީގެ މުޤައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. މި ހުށައެޅުން ހުށައަޅުއްވަމުން ޖީހާން ވިދާޅުވީ، ކުޑަކުދިންގެ ނާޖާއިޒް މަންފާ ނެގުން (އެކްސްޕްލޮއިޓޭޝަން) އަކީ އަވަސް ހައްލެއް އެކަމަށް ބޭނުންވާ މައްސަލައެއް ކަމަށާއި، އެކަން ކުށެއްގެ ގޮތުގައި ކަނޑައަޅައި އަވަސް ހައްލެއް ހޯދުމާ ގުޅޭގޮތުން ލަފައަކަށް އެދި ބަންޑާރަނައިބަށް ސިޓީ ފޮނުވުމަށް ހުށައަޅުއްވާ ކަމަށެވެ.
ޖީހާންގެ އެ ހުށައެޅުން ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްވެފައިވާއިރު، އެ ހުށައެޅުމަށް ތާއީދު ކުރައްވަމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ކުޑަކުދިންގެ ބޭނުން ކޮށްގެން ތަފާތު ގޭންގު ކުށްތަކަށް އަރައިގަތުން އާންމުވެފައިވާ ކަމަށާއި، މަސްތުވަތަކެތީގެ ވިޔަފާރީގައިވެސް ކުޑަކުދިން ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި، އެ މައްސަލައާ ގުޅޭގޮތުން ލަފައެއް ހޯދުމަށް ވީީހާވެސް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން، ދެވަނަ ހުށައެޅުމެއްގެ ގޮތުން ޖީހާން ވަނީ ކުޑަކުދިންނާއި ގުޅުންހުރި 3 ބިލެއްގެ މަސައްކަތް އަވަސްކޮށް އެ 3 ބިލުވެސް އެކުއެކީގައި ބަންޑާރަނައިބުގެ އޮފީހަށް ހުށައެޅުމެވެ.
އެގޮތުން ފާހަގަކޮށްފައިވާ 3 ބިލް:
- ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ބިލް
- ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ ބިލް
- ކުޑަކުދިންގެ ތައުލީމީ ނިޒާމާ ބެހޭ ބިލް
މި ހުށައެޅުންތަކަށް ވާހަކަދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ މި މައްސަލަތައް މުޖުތަމައުގެ ސަމާލުކަމަށް ގެނައިސް މައްސަލަތަކުގެ ހައްސާސްކަމަށް ބަލައި ކޮމިޓީގެ ފަރާތުން މަޖިލީހަށް މި މައްސަލަތަކާ ގުޅޭ ޤަރާރެއް ފޮނުވުމަށް ހުށައަޅާފައެވެ. އެގޮތުން އެ ހުށައެޅުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވަނީ ތާއީދު ކުރައްވާފައެވެ.
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުޑަކުދިންގެ ނާޖާއިޒު މަންފާ ހޯދުން ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ކޮމިޓީން ކުރަމުންދާއިރު، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ކޮމިޓީގެ ވިސްނުމަކީ ޅަ އުމުރުން ފެށިގެން އެފަދަ ކުށްތަކަށް އަރައިގަތުމަށް ކުޑަކުދިންނަށް އެއްބާރުލުންދީ، އެކުދިންގެ ނާޖާއިޒް މަންފާ ނަގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުން ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.