ތުރުކީއާ ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވެއްޓުނު ސީރިޔާގެ އަސްކަރީ މަތިންދާބޯޓެއްގެ ޕައިލެޓް ދިރިހުއްޓާ ފެނިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދެވިފައި ވާކަމަށް އޮފިޝަލުން ބުނެފިއެވެ.
ތުރުކީގެ ދެކުނަށް މި ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓްވަނީ ފުންމާލާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މައިބަދައިގައި ރެނދު ލީ ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިން ބުނެފައިވަނީ އެ މީހުން ހަމަލާދީ ބޯޓު ވައްޓާލީ ކަމަށެވެ. ނަމަވެސް ސީރިޔާގެ ސަރުކާރުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.
ސަރަހައްދީ ރޮނގުގެ ކައިރިއަށް މިޝަންއެއްގައި ފޮނުވި ޖެޓަކާ ގުޅުން ކެނޑުނު ކަމަށް ސީރިޔާގެ އަސްކަރިއްޔާގެ ފަރާތަކުން މައުލޫމާތު ދިންކަމަށް ދައުލަތުގެ ޓީވީން ބުނެފައި ވެއެވެ.
ތުރުކީގެ ދައުލަތުގެ ނޫސް އެޖެންސީ އަނަދޮލޫ ރިޕޯޓްކޮށްފައިވާ ގޮތުގައި ނުވަ ގަޑިއިރު ވަންދެން ހޯދުމަށް ފަހު ޕައިލެޓް ފެނުނުއިރު އޭނާވ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.
އޮފިޝަލުން ހަމައެކަނި ހާމަކުރީ އޭނާއަކީ ސީރިޔާގެ ރައްޔިތެއް ކަމެވެ. ނަމަވެސް ސިއްހީ އެހީތެރިންނާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި އޭނާއަކީ މެހްމަތު ސުފްހާން ނަމަކަށް ކިޔާ އުމުރުން 56 އަހަރުގެ މީހެކެވެ.
ތުރުކީގެ ބޮޑުވަޒީރުގެ ނައިބް ނޫރެއްތީން ކެނިކްލީ ވިދާޅުވީ ބޯޓް އެގައުމުގެ ސަރަހައްދީ އިމަށް ވެއްޓެން ދިމާވީ ކިހިނެއް ކީއްވެ ތޯ އަދި ކުރިޔަށް ގެންދިއައީ ކޮން މިޝަންއެއްތޯ އޮފިޝަލުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަޓޭގެ ގަވަރނަރ ވިދާޅުވީ ޕައިލެޓް އަނބުރާ ސީރިއާއަށް ފޮނުވާނެ ކަން ނިންމާނީ ހާދިސާގެ ތަފްސީލު ލިބުންނެވެ.