Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 15:17
މަޖިލީހުގެ އެސްއޯއީ ކޮމިޓީ
މަޖިލީހުގެ އެސްއޯއީ ކޮމިޓީ
ޝުއައިބް މުހައްމަދު އިގްބާލް
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު އަލުން އެކުލަވާލަން ހުށައެޅުމަށް އެސްއޯއީ ކޮމިޓީން ނިންމައިފި
ޕްރައިވެޓައިޒޭޝަން ބޯޑު އުފެދުނީ 2013 ވަނަ އަހަރު
މިވަގުތު ބޯޑުގައި ތިބީ 5 މެމްބަރުން
ބޯޑުގެ ރަނގަޅު އޮނިގަނޑެއްވެސް ހެދިފަނުވާ ކަން ރިޕޯރޓުން ފާހަގަވި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު އަލުން އެކުލަވާލައި މަޖިލީހަށް ރުހުން ހޯދަން ފޮނުވުމަށް ރައީސަށް ދެންނެވުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމައިފިއެވެ.

ވަކި ގާނޫނެއްގެ ދަށުން 2013 ވަނަ އަހަރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް އުފެދުނު ފަހުން ވެސް ދެ ފަހަރަށް އެބޯޑަށް މެމްބަރުން އައްޔަން ކޮށްފައިވާއިރު، މިހާތަނަށް ވެސް ބޯޑު މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދާފައި ނުވާކަން އާދިއްތަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ޕްރައިވެޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާ ކުރެވިފައިވާ މިންވަރު ރިވިއުކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓާމެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރިޕޯޓާ ގުޅޭ ގިނަ ނުކުތާތަކެއް ފާހަގަ ކޮށްފައިވާއިރު، ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށް މަޖިލީހުން ރުހުން ހޯދާފައިނުވާކަމެވެ.

އޭގެ އިތުރުން، ޤާނޫނުގައި 7 މެމްބަރުން ތިބޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިވަގުތު ބޯޑުގައި ތިބީ 5 މެމްބަރުން ކަމަށާއި، ބޯޑުގެ ރަނގަޅު އޮނިގަނޑެއް ވެސް ހެދިފަނުވާ ކަން ރިޕޯރޓުން ވަނީ ފާހަގަކޮށްފައެވެ. އަދި ބޯޑުގެ ކަންކަން ރޭވުމާއި، ބެލެހެއްޓުމުގެ މެކޭނިޒަމެއް އެކުލަވާލާފައިނުވާ ކަމަށް ވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ރިޕޯރޓުން ފާހަގަވި ކަންކަން ބަޔާން ކުރަމުން ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑު އަލުން އެކުލަވާލައި މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށެވެ. އަދި ބޯޑުގެ އިދާރީ އޮނިގަނޑާއި، ބަޖެޓާއި، އިންތިޒާމުތައް ސަރުކާރުގެ ތެރެއިން ހަމަޖެއްސުމަށް އެދިލެއްވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމާ ނިންމުންތައް ސައްހަވާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، އެ ބޯޑުގެ މެމްބަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ މެމްބަރުން އައްޔަނު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށް "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު" ގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވެއެވެ.

ދައުލަތުގެ ވިޔަފާރީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި 7 މެމްބަރުން ހިމެނޭއިރު، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމުގެ އިތުރުން، ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީ އެ ބޯޑުގެ ޒިންމާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް