ބިދޭސީ ފަޅުވެރިއެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފް ކޯސްޓްގާރޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:50 ހާއިރު ކަމަށާއި، އޭނާ ގެއްލިފައިވަނީ ކ.ގުޅީފަޅުގައި އަޅާފައި އޮތް "ސާހިިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން ފޭބި ފަހުން ކަމަށެވެ.
އޭނާގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު، މޫދަށް ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުލައިގެ ސޯޓެއް ކަމަށާއި، ރީނދޫ ކުލައިގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަންއާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި މިހާދިސާގައި ގެއްލިފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަ ވުމާއި ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކެ ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފައެވެ.