ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރި ވުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާހު ކޮށްފިއެވެ.
އަންގާރަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބް ރައީސް ފައިޞަލް ނަސީމެވެ. އަދި މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ، އަރަވިންދް މާތުރްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންވެސް ވާހަކަފުޅު ދައްކަވާފައިވާއިރު، މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބޮޑެތި ފެކްޓަރީ ތަކެއް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެއްޓަކީ ރައްކާތެރި މާހައުލެއް ނޫންކަމަށާއި، މިހާރު ދިމާވެފައިވާ އެންމެ ބޮޑު ސިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި، ސްޓްރޯކް އަދި ހިތުގެ ބަލިތައްފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުންކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބް.ލިޔު.އެޗް.އޯ) އާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ދަށުން ރާއްޖޭގެ ރައްޔިތުން ދިރުއުޅޭ ރަށްތަކަކީ ސިއްހަތަށް ގެއްލުންހުރި ވިހަ މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވެފައި ނުވާ ތަންތަން ކަމުގައި ކަށަވަރު ކުރުމަށް މަސައްކަތް ކުރުމާއި، މާލޭ ސިޓީ މިހާރު އޮތް ހާލަތު ބަދަލުކޮށް އަންނަން އޮތް ޖީލުތަކަށް ސާފުވައި ލިބޭނެ މާހައުލެއް ޤާއިމުކުރުމަށްޓަކައި ދުރުރާސްތާ ޕްލޭންތަކާއެކު ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ ނޭޝަނަލް ބްރީތް ލައިފް ޕްލޭންގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.