މާލޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯރޓް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
ހޯމަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯރޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ފަށާނެ ކަމަށާއި، އެގޮތުން 350 ކިލޯގެ ޕިކަޕުތަކުގައި މާލޭގައި 24 ގަޑިއިރު މުދާ އުފުލޭނެ ކަމަށެވެ. އަދި ހެނދުނު 9:00 އިން މެންދުރު 11:30 އަށް ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކަށް މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި، އެހެން އުޅަނދުތަކުގައި ހެނދުނު 11:30 އިން މެންދުރު 1:30 އަށް މުދާ އުފުލުން މަނާވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޓްރާންޕޯރޓް މިނިސްޓްރީން ބުނީ، މި ބަދަލުތައް ގެނައި ނަމަވެސް ސްކޫލުތައް ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި މުދާ އުފުލާ އުޅަނދުތަކަށް ދަތުރުކުރުން މަނާވާނެ ކަމަށެވެ.
އޭގެ އިތުރުން، ދެ ޓަނުން ދަށުގެ މުދާ ބްރިޖު މަތިން 24 ގަޑިއިރު އުފުލޭނެ ކަމަށާއި 2.1 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ދުއްވުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، 350 ކިލޯ އިން ދަށުގެ ޕިކަޕުތަކަށް ސްކޫލު ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި 24 ގަޑިއިރު ފެނާއި ގޭސް އުފުލޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި ފެނާއި ގޭސް އުފުލޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ކޮންމެ ދުވަހަކު ވެސް ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކޮންސްޓްރަކްޝަން މުދާ އުފުލޭނެ ކަމަށާއި މުދާ އުފުލާ ގަޑިތައް ކަނޑައެޅުމުގައި ޓްރެފިކް ފްލޯއަށް ފަސޭހަވާނެ ގޮތަށް ވިސްނަވާފައިވާނެ ކަމަށެވެ.