Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 11:30
މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ގޮތުގައި ރާއްޖެ ކަނޑައެޅުން
މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ގޮތުގައި ރާއްޖެ ކަނޑައެޅުން
ހެލްތު މިނިސްޓްރީ
އެޗް.އައި.ވީ އަދި ސިފިލިސް
ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ގޮތުގައި ކަނޑައަޅައިފި
މި ލިއުން މީގެ ކުރިން ރާއްޖެއަށް 3 ފަހަރު ލިބިފައިވޭ
ރާއްޖެއަކީ މުޅި ދުނިޔެއިންވެސް މިގޮތަށް ކަނޑައެޅުނު 12 ވަނަ ޤައުމު
މި މަސައްކަތް 2014 ވަނަ އަހަރުން ފަށާފައިވޭ

ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯރލްޑް ހެލްތު އޮގަނައިޒޭޝަން) އިން ކަނޑައަޅައިފިއެވެ.

ހޯމަ ދުވަހު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ލިއުން ހަވާލުކުރެއްވީ އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ލިއުމާ ހަވާލުވެ ވަޑައިގެންފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

Advertisement

މި ލިއުން ހަވާލުކުރުމާއެކު ރާއްޖެ ވެގެން ގޮސްފައިމިވަނީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމުތަކުގެ ގޮތުގައި މި ސަރަހައްދުން ކަނޑައެޅުނު ދެވަނަ ޤައުމަށެވެ. އެއީ މުޅި ދުނިޔެއިން ވެސް މިގޮތަށް ކަނޑައެޅުނު 12 ވަނަ ޤައުމެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކުރަމުން އައި ކަމަށާއި، ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ކަންތައްތައް ހުރިތޯ ދެނެގަތުމަށްޓަކައި 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމާގުޅޭ ތަފާސް ހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގާފައިވާނެ ކަމަށެވެ. އެގޮތުން މާބަނޑު ދުވަސްވަރު ސިއްހީ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗް.އައި.ވީ އަދި ސިފިލިސްއަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތް ދެނެގަނެވިފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި މި ތަފްސީލު ތަކުގެ މައްޗަށް ޤައުމީ ރިޕޯރޓެއް އެކުލަވާލައި މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ހުށައެޅިއެވެ.

އޭގެ އިތުރުން، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އުފަންވެނި ސިއްހަތާއި، މައިންނާއި ތުއްތުކުދިންގެ ސިއްހަތާއި، ލެބޯރޓްރީގެ ޚިދުމަތްތަކާއި، އެޗް.އައި.ވީ އަދި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ތަފްސީލުކޮށް ބަލާ ދިރާސާކުރެވިގެންދާނެ ކަމަށާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ ލިއުން މީގެ ކުރިން ރާއްޖެއަށް 3 ފަހަރު ލިބިފައިވެއެވެ. އެގޮތުން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނު ކަމަށް ދިވެހިރާއްޖެއަށް ވަނީ ލިއުން ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް