Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 17:39
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޗިޓް ފޮނުވުން
ކުރީގެ ރައީސް ޔާމީން އަދި އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
ކޯޓަށް ހާޒިރު ވުމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހަށް
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގައި
އާޒިމާއަށް ދައުވާކޮށްފައިވަނީ ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވި ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

ރާއްޖެއެމްވީއަށް މިކަން ކަށަވަރުވެފައިވާއިރު، ޔާމީންއާއި އާޒިމާއަށް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

Advertisement

އެމްއެމްޕީއާރުސީގެ މައްސަލަ އޭސީސީ އިން ބެލިބެލުމުގައި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް އެމަނިކުފާނަށް އެންގުމުން އެ ފައިސާ ދައުލަތާ ހަވާލުނުކޮށް އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ފައިސާ ދައުރުވާ ގޮތަށް މާލީ މަންފާއެއް ލިބޭ ގޮތަށް އެސްކްރޯ އެކައުންޓެއް އޭސީސީ ހިއްސާވާ ގޮތަށް ބޭނުން ކުރައްވާފައި ވެއެވެ.

އެކަމުގައި އޭސީސީގެ ރައީސް ހަސަން ލުތުފީގެ އެހީތެރިކަމެއް އޮތް ކަމުގެ ތުހުމަތުތައް ކުރެވޭއިރު އެ ކޮމިޝަނާ އެކު އެއްބަސްވެވަޑައިގެންނެވި ގޮތައް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފައެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރުމުން އޭސީސީން ފުލުހުން ކިބައިން އެ މައްސަލަ ބަލައިދޭން ހުށައެޅި އެވެ.

ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރުން މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ހާމަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާކޮށްފައިވާއިރު، އާޒިމާ ވަނީ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގަށް ބަޔާން ނަގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް