ރ. އަލިފުށީގައި ސީއެމްބިއުލަންސްގެ ހިދުމަތް އަލުން ފެށުމަށް އެދިއްޖެއެވެ.
ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބައްދަލުކުރައްވާ އަލިފުށީ ކައުންސިލުން ވަނީ އެ ރަށުގެ ސީއެމްބިއުލަންސްގެ ހިދުމަތް އަލުން ފަށައި ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، އަލިފުށީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ޕްރޮޖެކްޓްތަކާއި ސީއެމްބިއުލަންސް ފަދަ ޚިދުމަތްތައް އަލުން ފެށުމާއި ރަށުގައި ސިނާޢީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސް ސާލިހް ވަނީ ސީއެމްބިއުލަންސްގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު ކުރިޔަށްދާ ޤައުމީ މާސްޓަރ ޕްލޭންގެ މަސައްކަތް ނިމޭމިއިރު ބޮޑެތި މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.