މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގެގޮތުގައި 276 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް މޯލްޑިވް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ނަސީރު ވިދާޅުވީ 2019 އަހަރުގެ ޖޫން މަސް ނިމުނު އިރު އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގެގޮތުގައި 276 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމުގައެވެ. އަދި މިއީ ފާއިތުވެ ދިޔަ އަހަރާ ބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި ނަސީރު ވިދާޅުވިއެވެ.
2018 ވަނަ އަހަރު ނިމުނު އިރު ދިވެހިރާއްޖޭގެ ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބްތަކުން ދައްކާ ކަމަށާއި ސަރުކާރުން އުފައްދާފއިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ޖޫން މަސް ނިމިނު އިރު 158 މިލިއަން ޑޮލަރު އެބަހުރި ކަމަށް ނަސީރު ވަނީ އޭނާގެ ވާހަކައިގައި ފާހަގަ ކުރައްވާފައެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއިން އަންނަމުންދާ ކުރިއެރުމުންގެ ސަބަބުން 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ދުވެލު ކުޑަކޮށް މަޑުޖެހިލާނެކަމަށް ލަފާކުރެވުނުނަމަވެސް ޖުމްލަ ގޮތެއްގައި އިގްތިސާދީ ދުވެލި ފާހަގަ ކޮށްލެވޭ މިންވަރަކުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.
"ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއިން އަންނަމުންދާ ކުރިއެރުމާ އެއާއެކު ފަތުރުވެރިކަމާ ގުޅޭ އެހެންދައިރައް ތައް ކަމައްވާ ދަތުރުފަތުރު، މުއާސަލާތީ ހިދުމަތް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ތަކަށާއި އިމާރަތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ލަފާ ކުރެވޭތީ،"ެމޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު.
ސަރުކާރުގެ ހަރަދާ އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަޖެޓް ޑެފެސިޓް 2019 ވަނަ އަހަރުގައި ވެސް އުފެއްދުންތެރިކަމުގެ ފަސް އިންސައްތާގައި ހިފެހެއްޓިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނަސީރު ވަނީ ވިދާޅުވެފައެވެ.
2018 ވަނަ އަހަރު މާލީ ދާއިރާގެ ހާލަތު އޮތީ ވަރުގަދަކޮށް ކަމަށާއި ބޭންކިން އަދި ބޭންކް ނޫން ދާއިރާ ތަކުގެ ފައިދާތަކުގެ ރޭޝިއޯ ތަކާ އެސެޓް ތަކުގެ ފެންވަރު އަދި ރައުސްމާލުގެ ފުދުންތެރިކަން ވެސް ވަރުގަދަކުރެވިފައި ވާކަމަށް ގަވަރްނަރު ވަނީ ފާހަގަ ކުރައްވާފައެވެ.
"ބޭންކިން އަދި ބޭންކް ނޫން ދާއިރާ ތަކުގެ ފައިދާތަކުގެ ރޭޝިއޯ ތަކާ އެސެޓް ތަކުގެ ފެންވަރު އަދި ރައުސްމާލުގެ ފުދުންތެރިކަން ވެސް ވަރުގަދަކުރެވިފައި ވާއިރު މި މިންގަޑު ހުރީ ޖުމްލަ އެސްޓްސްގެ ނިސްބަތުން ރައުސްމާލުގައި ހުންނަންޖެހޭކަމަށް އެމްއެއެމްއޭ އިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި،"ެމޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު.
ނަސީރު އިތުރަށް ވިދާޅުވީ, އިންޓަނޭޝަނަލް މަނިޓަރި ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިގްތިސާދީ ދުވެލި 3.3 އިންސައްތާގައި ހުންނާނެ ކަމަށެވެ. އަދި އިންފްލޭޝަން ރޭޓް 0.5 އިންސައްތާގައި ހުންނާނެކަމަށް ބެލެވޭކަމުގައެވެ.